އެއްވެސް ކަހަލަ ހަތިޔާރަކާ ނުލާ ހުރި އެމެރިކާގެ ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް މަރާލި ކަމުގެ ކުށުގެ ދައުވާ ލިބޭ ކުރީގެ ފުލުސް އޮފިސަރު، ޑެރެކް ޗޯވިން، 1 މިލިއަން ޑޮލަރުގެ ކަފާލާތަށް، ޖަލު ބަންދުން މިނިވަންކޮށްފިއެވެ.

ޖަލު ބަންދުން ޗޯވިން ދޫކޮށްލާފައި ވަނީ ރޭ މެންދަމާ ގާތްވެފައި ވަނިކޮށެވެ.

ޑެރެކް ޗޯވިންއަކީ މެއި 25 ވަނަ ދުވަހު އެމެރިކާގައި ހިނގާދިޔަ ހާދިސާގައި، ފްލޮއިޑް ބިންމަތީގައި ބާއްވައިގެން އޭނާގެ ކަރު މައްޗަށް ކުޑަކަކޫ ޖަހައިގެން ތިރިވެއިން ފުލުސް އޮފިސަރެވެ.

ޖޯޖް ފްލޮއިޑް ހައްޔަރުކޮށްފައިވާއިރު 3 ފުލުހަކު އޭނާގެ ގައިމަތީގައި ކުޑަކަކޫ ޖަހައިގެން/ފޮޓޯ: ސީއެންއެން ސްކްރީންގްރޭބް

މި ހާދިސާއަށް ފަހު ޗޯވިން ވަނީ ވަޒީފާއިން ވަކި ކޮށްފައެވެ. މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާ އޭނާއާ ދެކޮޅަށް އުފުލާފައި ވާއިރު، ޝަރީއަތް ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާޗް މަހު ކަމަށް ޚަބަރު ލިބެއެވެ.

ލާއިންސާނީ ޖަރީމާ ހިންގުމުގައި ޗޯވިންއާއި ބައިވެރިވި އަނެއް 3 އޮފިސަރުންވެސް މިހާރު ވަނީ ކަފާލާތުގެ ދަށުން ޖަލު ބަންދުން މިނިވަންކޮށްފައެވެ. އެމީހުންގެ ޝަރީއަތްވެސް އޮންނާނީ މާޗް މަހު ކަމަށް ޚަބަރު ލިބެއެވެ.

މެއި މަހުގެ ފަހުކޮޅުން ފެށިގެން ޗޯވިން ހައްޔަރު ކޮށްފައި ހުރީ މިނެސޯޓާގެ އޯކް ޕާކް ހައިޓްސްގެ މެކްސިމަމް-ސެކިއުރިޓީ ޖަލެއްގައެވެ.

ޝަރުތުތަކަކާއެކު 1 މިލިއަން ޑޮލަރުގެ ކަފާލާތުގެ ދަށުން ޗޯވިންއަށް ޖަލު ބަންދުން ނިކުމެވޭނެ ކަމަށް ފަނޑިޔާރަކު ކަނޑައެޅުއްވީ މިއަހަރުގެ ޖޫން މަހުއެވެ. ކަފާލާތު ފައިސާގެ އިތުރުން ޝޯވިންއަށް މަތިކޮށްފައި ވާ ޝަރުތުތަކުގެ ތެރޭގައި، ފްލޮއިޑްގެ އާއިލާ މެމްބަރަކާ އެއްވެސް ގުޅުމެއް ނުބޭއްވުމާ، އޭނާ އަތުގައި ހުރި ބަޑި ފަދަ ތަކެތި ކަމާ ބެހޭ ފަރާތްތަކާ ހަވާލު ކުރުމާ، ޝަރީއަތް ފެށުމާ ދެމެދު އޮތް މުއްދަތުގައި، ތަންފީޒީ އަދި ސަލާމަތީ ބާރާ ގުޅުންހުރި އެއްވެސް ހިދުމަތެއްގައި މަސައްކަތް ނުކުރުން ހިމެނެއެވެ.