ކަޅު ނަސްލުގެ މީހުންގެ ހައްގުތައް ކަށަވަރު ކުރުމަށް ގޮވާލާ، "ބްލެކް ލައިވްސް މެޓާ" (ބީއެލްއެމް)ގެ ނަމުގައި ހިންގަން ފެށި މުޒާހަރާތައް، ނޮބޭލް ސުލްހައިގެ އިނާމަށް ނޮމިނޭޓް ކުރުމަށް ހުށަހަޅައިފިއެވެ.
"ބްލެކް ލައިވްސް މެޓާ" ހަރަކާތަކީ 2013 ވަނަ އަހަރު އެމެރިކާގައި އުފެދުނު ހަރަކާތެއް ނަމަވެސް، މުޅި ދުނިޔޭގެ ސަމާލުކަން މިކަމަށް ހުއްޓުނީ، މެއި 2020 އަށް ފަހުގައެވެ. އެއީ އެމެރިކާގެ ފުލުހުންތަކެއްގެ ލާއިންސާނީ އަނިޔާގެ ޝިކާރައަކަށް ވެ، ޖޯޖް ފްލޮއިޑް މަރުވި ހާދިސާއަށް ފަހުގައެވެ. ޖޯޖް ފްލޮއިޑްއަކީ އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ އާންމު ރައްޔިތެކެވެ. އެމެރިކާގެ ދޮން ނަސްލުގެ ފުލުހަކު ވަނީ، 8 މިނެޓް ވަންދެން ފްލޮއިޑްގެ ކަރަށް، ކުޑަކަކޫ ޖަހައިގެން ތިރިވެ، އިނދެފައެވެ.
ނޮބެލް ސުލްހައިގެ އިނާމަށް "ބްލެކް ލައިވްސް މެޓާ" މުޒާހަރާ ހުށަހެޅީ، ނޯވޭގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ޕެޓާ އީޑީއެވެ. އޭނާ ވިދާޅުވާ ގޮތުގައި، "ބްލެކް ލައިވްސް މެޓާ" ހަރަކާތަކީ ނަސްލީ ނާއިންސާފުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައިވެސް ހިންގާ އެންމެ ވަރުގަދަ އެއް ހަރަކާތް ކަމަށެވެ. އެތައް ގައުމަކަށް މި ހަރަކާތް ފެތުރިފައި ވާއިރު، މިއީ ނަސްލީ ނާއިންސާފާ ދެކޮޅަށް މީހުން ހެލުންތެރި ކުރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރި ހަރަކާތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ ނޮބޭލް ސުލްހައިގެ އިނާމަށް ހުށަހަޅާ ނަންތަކުގެ ތެރޭގައި ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖު އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. ނޮބޭލް ސުލްހައިގެ އިނާމު 2021 އަށް ޓްރަމްޕް ނޮމިނޭޓް ކޮށްފައި ވަނީ، އިސްރާއީލާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާ ދެމެދު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުން ބަދަހިކުރުމަށް، މެދުވެރިއެއްގެ ގޮތުގައި އެމެރިކާއިން ކުރި މަސައްކަތާއެކުގައި ކަމަށް ހަބަރު ލިބެއެވެ.
ނޮބޭލް ފައުންޑޭޝަންގެ ގަވައިދު ބުނާ ގޮތުން، 50 އަހަރު ވުމުގެ ކުރިން ނޮމިނޭޝަން ލިސްޓު އާންމު ކުރުމުގެ ހުއްދައެއް ނޯވެއެވެ. ނޮބޭލް ސުލްހައިގެ އިނާމު ހާސިލު ކުރާނެ ކަމަށް ވަކާލާތު ކުރަމުންދާ ނަންތަކަކީ، ލަފާ ކުރެވޭ ކުރެވުމެއްގެ މައްޗަށް ބިނާކޮށްގެން ކުރަމުންދާ ބަހުސްތަކެކެވެ.
އެ އަހަރެއްގެ އިނާމަށް ކެންޑިޑޭޓުން ޝޯޓްލިސްޓު ކުރުމުގެ މަސައްކަތް ކުރަނީ ފެބުރުއަރީ މަހާއި މާޗް މަހުއެވެ. އަދި އިނާމު ހާސިލުކުރާ ފަރާތް އިއުލާން ކުރަނީ އޮކްޓޯބަރު މަހުއެވެ.
ދުނިޔޭގެ ސުލްހައަށް މަސައްކަތްކުރުމުގައި ފާހަގަކޮށްލެވޭ ބޮޑެތި ހިދުމަތްތަކެއް ކުރާ އަދި ކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ދެމުން އަންނަ އެންމެ ޝަރަފުވެރި އެއް އެވޯޑްގެ ގޮތުގައި ސިފަކުރާ ނޮބޭލް ސުލްހައިގެ އިނާމު އެންމެ ފަހުން ހާސިލު ކުރީ، އދގެ ކަބޯތަކެއްޗާ ބެހޭ ޖަމިއްޔާއިންނެވެ.