އެމެރިކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލާއިންސާނީ އަނިޔާދީ، ރަހުމްކުޑަ ގޮތަކަށް މަރާލި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑްގެ ފަހު ވަގުތުކޮޅުތައް ވަރަށް ސާފުކޮށް ފެންނަ ވީޑިއޯތަކެއް ބެލުމުގެ ފުރުސަތު، މީޑިއާއަށް ދީފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

މި ވިޑީއޯތަކުން ފެނިގެންދަނީ، ފުލުހުންގެ ކާރަށް ފްލޮއިޑް އަރުވަން އުޅުމުން، އޭނާ ނޭވާ ހާސްވާ ކަމަށާ، ބިންމަތީގައި އޮށޯވެލަންތޯ ފުލުހުން ކުރެ އަހާ މަންޒަރެވެ.

ވީޑިއޯތައް ފެށިގެން އަންނަނީ ފިހާރައަކަށް ވަގު ނޫޓެއް ވިއްކާލަން އުޅޭ ކަމުގެ ޝަކުވާ ލިބޭ ހިސާބުންނެވެ. ޕޮލިސް ބޮޑީ ކެމެރާ ވީޑިއޯ ފުޓޭޖްތަކަކީ، ސީންއަށް ދިޔަ ޓޮމަސް ލޭންއާއި ޖޭ ކުއެންގްގެ ބޮޑީ ކެމެރާއިން ނަގާފައިވާ މަންޒަރުތަކެކެވެ.

ފިހާރައިގެ މުވައްޒަފުންތަކަކާ މަދު ސިކުންތު ކޮޅެއް ވަންދެން ވާހަކަ ދެއްކުމަށްފަހު ފުލުހުން އަންނަނީ ފްލޮއިޑް އިން ކާރު ކައިރިއަށެވެ. އަދި އެއް ފަހަރު ކާރު ދޮރުގައި ޖެހުމަށްފަހު ފްލޮއިޑްއާ ދިމާލަށް ބަޑިދިއްކޮށް، ދެއަތް އުފުލަން އޯޑަރު ދެއެވެ. އޭރު ފްލޮއިޑް، ގިސްލާ ރޯ މަންޒަރު ފެނެއެވެ. އެއަށްފަހު ދެން ފެނިގެންދަނީ ކާރު ތެރެއިން ފްލޮއިޑް ނެރޭ މަންޒަރެވެ. އަދި ފުލުހުން އޭނާގެ އަތުގައި ބިޑިއަޅުވަން މަސައްކަތް ކުރެއެވެ. އެއަށްފަހު ފުލުހުންގެ ކާރަށް ފްލޮއިޑް އަރުވަން އުޅުމުގެ ތެރޭގައި ހާސްކަން ބޮޑުވެއެވެ. ދެން ފެންނަނީ ކާރުން ބޭރަށް ފްލޮއިޑް ވެއްޓޭ މަންޒަރެވެ. އޭރު، އިތުރު 2 އޮފިސަރަކު ވީޑިއޯއަށް އަރާފައި ހުރެއެވެ. ޗޯވިން ހިމެނެނީ އޭގެ ތެރޭގައެވެ. މި ހުރިހާ އެންމެންވެގެން ފްލޮއިޑް "ހިފެހެއްޓުމަށް" މަސައްކަތް ކުރެއެވެ.

ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލާގައި ވަޒީފާއިން ވަކިކޮށް ދައުވާ ކުރަމުންދާ (ވާތުން ކަނާތަށް) ޑެރެކް ޗޯވިން، ޓޫއޯ ތާއޯ، ޖޭ ކުއެންގް އަދި ޓޮމަސް ލޭން/ފޮޓޯ: މިނިއޮޕޮލިސް ޕޮލިސް

މިހުރިހާ ކަމެއް ވީއިރު، އޭނާއަށް ނޭވާ ނުލެވޭ ކަމަށް 20 އަށްވުރެ ގިނަ ފަހަރު ފްލޮއިޑް ބުނެއެވެ.

މެއި 25 ވަނަ ދުވަހު ހިނގާދިޔަ ހާދިސާގައި ފްލޮއިޑް މި ދުނިޔެއާ ވަކިވެ ގޮސްފައިވާއިރު، އެ ސީންގައި ތިބި 4 ފުލުހުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި ފްލޮއިޑްގެ މަރުގެ މައްސަލާގައި އެމީހުންގެ މައްޗަށް ވަނީ ދައުވާވެސް އުފުލާފައެވެ.

މަންޒަރު ދުށް މީހަކު ކުރި ވީޑިއޯއެއްގައި، ފްލޮއިޑްގެ ކަރު މައްޗަށް ކުޑަކަކޫ ޖަހައިގެން ތިރިވެ ހުރި ފުލުސް އޮފިސަރު ޑެރެކް ޗޯވިންއަށް ކުރާ ދައުވާގެ ގިންތި ވަކިން ބޮޑެވެ. އަނެއް 3 އޮފިސަރުންނަށް ކުރަނީ، މީހަކު މަރަން އެހީވެދިން ކަމުގެ ކުށުގެ ދައުވާއެވެ. އިތުރު ވީޑިއޯއަކުން ފެންނަ ގޮތުގައި އެމީހުންވެސް ތިބެނީ ފްލޮއިޑްގެ ހަށިގަނޑު މައްޗަށް ތިރިވެގެންނެވެ.

އުމުރުން 46 އަހަރުގެ ފްލޮއިޑްގެ މަރާ ގުޅިގެން އެމެރިކާގައި ދަނީ ނަސްލީ ހައްގުތަކަށް ވަކާލާތު ކުރާ ވަރުގަދަ މުޒާހަރާތަކެއްވެސް ކުރަމުންނެވެ. މި މުޒާހަރާތަކުގައި ބައިނަލްއަގުވާމީ ކުލަވެސް ވަނީ ޖެހިފައެވެ.

ފްލޮއިޑްގެ މަރާ ގުޅިގެން އެންމެ ފަހުން މީޑިއާއާއި ހިއްސާކުރި ބޮޑީ ކެމެރާ ފުޓޭޖުތައް އާންމުކޮށްފައެއް ނުވެއެވެ. ތަހުގީގު ކުރިއަށްދާ މިމައްސަލާގައި މީޑިއާއަށް ފުޓޭޖު ހިއްސާކުރީ ކޯޓުން ކަމަށް ޚަބަރު ލިބެއެވެ.