އިޓަލީވިލާތުގެ ފުލުހުން އަތުލައިގަތް 14 ޓަނުގެ އެމްފެޓަމިން ޑްރަގް ގުޅަތަކަކީ، ސޫރިޔާގައި ހަރަކާތްތެރިވާ ހައްދު ފަހަނައަޅާފައިވާ ހަތިޔާރިއެޅި ހަނގުރާމަވެރި އައިސިސް ޖަމާއަތުން، އެ ޖަމާއަތުގެ ޓެރަރިސްޓް ހަރަކާތްތަކަށް ފަންޑު ހޯދުމުގެ މަގުސަދުގައި އުފައްދާފައިވާ ޑްރަގްތަކެއް ކަމަށާ، އެއީ ވިލާތުގަ ޣައިރު ގާނޫނީ އިމުގެ ތެރެއިން ހިންގާ ޑްރަގް ވިޔަފާރީގެ މާކެޓަށް އަމާޒުކޮށްގެން ފޮނުވި ޝިޕްމަންޓެއް ކަމަށް ބެލެވޭ ކަމަށް ޚަބަރު ލިބިއްޖެއެވެ.

އިޓަލީވިލާތުގެ ފުލުހުން، މި ތަކެތި އަތުލައި ގަތީ ސަލޭނޯ ބަނދަރުގައި ޑޮކް ކުރި ކޮންޓޭނަރު އުފުލާ ބޯޓުތަކެއްގެ ތެރެއިން ޝައްކު ކުރެވޭ 3 ބޯޓެއް ބަލާ ފާސްކުރުމުގެ ތެރޭގައެވެ. މި އޮޕަރޭޝަންގައި 84 މިލިއަން ޑްރަގް ގުޅަ އަތުލައިގަތީ، އެކި ކަހަލަ މެޝިނަރީއާއި، އެ ބޯޓުގައި ސިނާއީ ބޭނުންތަކަށް އުފުލަމުންދިޔަ ކަރުދާސް ސިލިންޑަރު ތަކުގެ ތެރެއިންނެވެ.

އިޓަލީވިލާތުގައި ބަނދަރުކުރި ކޮންޓޭނަރު އުފުލާ ބޯޓުގައި ރައްކާކޮށްފައި ހުރި ޑްރަގް/ފޮޓޯ: ފޮކްސް46

ނޭޕްލްސްގެ ފައިނޭންސް ޕޮލީސްއިން ބުނީ، ގާތްގަނޑަކަށް 1 ބިލިއަން ޔޫރޯ ނުވަތަ 1.12 ބިލިއަން ޑޮލަރުގެ އަގު ހުރި މި ޑްރަގްތަކަކީ ޓެރަރިޒަމަށް ފަންޑު ކުރުމަށް، ވިލާތުގެ މާކެޓްތަކަށް ވިއްކަން ހާއްސަކޮށްފައިވާ ގުޅަތަކެއް ކަމަށެވެ.

ހައްދުފަހަނައަޅާފައިވާ އައިސިސް ޖަމާއަތުން ޓެރަރިޒަމްގެ ހަރަކާތްތަކަށް ފަންޑު ހޯދަމުންދަނީ ޑްރަގްގެ ވަގު ވިޔަފާރި ކޮށްގެންކަން އެނގޭ ކަމަށާ، ފާއިތުވީ އަހަރުތަކަށް ބަލާއިރު މުޅި ދުނިޔޭގައިވެސް އެންމެ ގިނަ އަދަދަކަށް އެމްފެޓަމިން ޑްރަގް އުފައްދާފައިވަނީވެސް އައިސިސްއިން ކަން އެނގޭ ކަމަށް ނޭޕަލްސްގެ ފައިނޭންސް ޕޮލީސްއިން އާންމު ކުރި ބަޔާނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

މިއީ މިހާތަނަށް މުޅި ދުނިޔޭގައިވެސް އަތުލައިގަތް އެމްފަޓަމިންގެ އެންމެ ބޮޑު ޝިޕްމަންޓެވެ.