ނިއުޒީލަންޑްގެ ކްރައިސްޓްޗާޗްގެ 2 މިސްކިތެއްގައި ހުކުރު ނަމާދު ވަގުތު ބަޑީގެ ހަމަލާތަކެއް ދީ 51 މީހުން މަރާލި މައްސަލާގައި ދައުވާ ކުރަމުންދާ އޮސްޓްރޭލިއާގެ ބްރެންޓަން ޓެރަންޓްގެ މައްޗަށް ހުކުމް ކުރުމަށް ބާއްވާ ޝަރިއަތުގެ އަޑުއެހުން އޮންނާނީ އަންނަ އޯގަސްޓް މަހުގެ 24 ވަނަ ދުވަހު ކަމަށް، މައްސަލަ ބަލަމުން ދާ ކޯޓުން މިއަދު ހާމަކޮށްފިއެވެ.

51 މީހަކު މަރާލި ކަމަށާ، 40 މީހަކު މަރާލަން އުޅުނު ކަމުގެ ކުށާ، ޓެރަރިޒަމްގެ އަމަލެއް ހިންގި ކަމުގެ ކުށަށް ޓެރަންޓް އިއުތިރާފުވީ މިއަހަރުގެ ކުރީކޮޅުއެވެ. މި ދައުވާތަކަށް އިންކާރު ކުރުމަށް އޭނާ ކުރިން އޮތީ ރާވާފައެވެ.

ނިއުޒީލަންޑްގެ ކްރައިސްޓްޗާޗުގެ މިސްކިތްތަކަށް ބަޑީގެ ހަމަލާ ދިން މަންޒަރު ބޮޑީ ކެމް ބޭނުންކޮށްގެން ފޭސްބުކަށް ލައިވް ކުރަނީ/ފޮޓޯ: މީޑިއާ ޓޭކް އައުޓް

ފަނޑިޔާރު ކެމެރަން މެންޑާ ވިދާޅުވީ ޓެރަންޓްގެ މައްޗަށް ހުކުމް އިއްވުމަށް އޮންނަ ޝަރިއަތުގެ އަޑުއެހުން 3 ދުވަހަށް ދެމިގެންދާނެ ކަމަށް ލަފަކުރައްވާ ކަމަށާ، ނަމަވެސް ކޮންމެހެން ބޭނުން ޖެހިއްޖެ ހިނދެއްގަ މިއަށްވުރެވެސް ދިގުލާ ހިނގައިދާނެ ކަމަށެވެ.

ފަނޑިޔާރު ވިދާޅުވީ ޓެރަންޓްގެ ޝިކާރައަކަށް ވި މީހުންގެ އާއިލާ މެމްބަރުންގެ ތެރެއިން، ނިއުޒީލަންޑަށް ދަތުރުކޮށް ޝަރިއަތުގެ މަޖިލީހުގައި ބައިވެރިވުމުގެ ފުރުސަތު ނެތް މީހުންނަށް އެކަހެރި ގޮތެއްގައި އެ މަންޒަރުތައް ބެލޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

ނިއުޒީލަންޑްގެ ކްރައިސްޓްޗާޗްުުގެ މިސްކިތްތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ޒަހަމްވީ މީހަކަށް އިތުރު ފަރުވާ ދިނުމަށް އެމްބިއުލާންސްއަކަށް އަރުވަނީ/ފޮޓޯ: އޭޕީ

ޓެރަންޓްގެ މައްޗަށް ހުކުމް ކުރުން ލަސްކުރަމުން ދިޔައީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ސަބަބުން ތަންފީޒު ކުރަމުންދާ ފިޔަވަޅުތަކަށް ލުއި ލިބޭނެ ދުވަހެއް އަންނަންދެން ކަމަށާ، ނަމަވެސް ބޯޑަރު ހުޅުވާލުން ފަދަ ފިޔަވަޅުތަކަށް ލުއި ދީގެން މިކަން ކުރަންވެއްޖެނަމަ އަދިވެސް ދިގު މުއްދަތަކަށް އޭނާ ބަންދުގައި ބަހައްޓަންޖެހޭ ކަމަށާ، މިކަން ދިގުލައިގެން ހިނގައިދާނެ ކަމަށް ބަލާ، ހުކުމް ކުރާނެ ތާރީހެއް ކަނޑައެޅީ ކަމަށް ފަނޑިޔާރު މެންޑޭޒް ވަނީ ވިދާޅުވެފައެވެ.

2019 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހުގެ ހަމަލާއަށް ފަހު އެ ދުވަހުން ފެށިގެން ޓެރަންޓް ހުންނަނީ ނިއުޒީލަންޑް ފުލުހުންގެ ހައްޔަރުގައެވެ.