އެމްއެންޑީއެފްގެ ޓީމެއް ބޮޑު ފިނޮޅަށް ދަތުރު ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބ. ބޮޑުފިނޮޅުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ސިފައިންގެ ޓީމެއް މީގެ އިރުކޮޅެއް ކުރިން ވަނީ ފުރާފައެވެ. ސިފައިންގެ ޓީމެއް ފުފރާފައިވާއިރު ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ޕަބްލިކް އޯޑާ ރެސްޕޮންސް ޓީމެއް މިހާރު އެރަށަށް ދަތުރު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ބޮޑުފިނޮޅަކީ ހަދަމުންދާ ރިސޯޓެކެވެ. އެ ރަށުގައި މަސައްކަތް ކުރަން ތިބީ 203 ބިދޭސީންނާއި 15 ދިވެހިން ހިމެނެއެވެ. ދިވެހިންގެ ތެރޭގައި އެންމެ ގިނައީ ބ. ތުޅާދޫ އަދި ށ. މިލަންދޫ މީހުންނެވެ. މުސާރަ ނުދީގެން މިއަދު ހަވީރުން ފެށިގެން އިހްތިޖާޖު ކުރަމުން އައިސް މިރޭ ބިދޭސީން ހަޅުތާލު ހިންގައި އެ ރަށުގައި ތިބި 15 ދިވެހިން ވަނީ ރަހީނުކޮށްފައެވެ. ކުރިން އެ ރަށަށް ތުޅާދޫން އަދި ކައިރި ރަށްރަށުގައި ތިބި ފުލުހުން ވަނީ އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެ ރަށަށް ގޮސްފައެވެ.

އެގޮތުން އެއް ފުލުހަކު ޒަހަމްވެގެން ވަނީ ތުޅާދޫ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ތުޅާދޫ ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ. އެއަށްފަހު އެ ރަށުގައި ތިބި ފުލުހުން ވަނީ ރަށުން ފައިބާފައެވެ. ފުލުހުން ބުނީ، އެރަށަށް ދިޔަ ފުލުހުންގެ ޓީމް ތިބީ މިހާރު ރަށުތެރެއަކު ނޫން ކަމަށެވެ. ނަމަވެސް ފުލުހުން ދަނީ އަދިވެސް އެ ރަށުގެ ހާލަތު މޮނިޓާ ކުރަމުން ކަމަށެވެ.