ރ. އަލިފުށީފައި އަންހެނެއްގެ އަނގަޔަށް މީހަކު ލައްފިލުވާ އެޅި މައްސަލައެއް ފެންމަތިވެއްޖެއެވެ. މި މައްސަލައާ ގުޅިގެން 32 އަހަރުގެ މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީ ރޭ 9:45 ހާއިރު އަލިފުށީގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މައްސަލަައިގެ ތުހުމަތުގައި 32 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން މައްސަލަ ހުށަހެޅުމާއެކު އެ ސީންއަށް ގޮސް އަނިޔާ ލިބުނު މީހާ އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައި ވާ ކަމަށް ބުނެއެވެ. އަދި އޭނާގެ ހާލު މިހާރު ރަނގަޅު ވަނުން އަންނަ ކަމަށް ފުލުހުންނަށް ހެލްތް ސެންޓަރުގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ އަނގަޔަށް ލައްފިލުވާ އެޅީ އަންހެން މީހާ ނަމާދަށް ހުއްޓާ އޭނާ ދިރިއުޅެމުންދާ ގެއަށް ވަދެއެވެ. ބައެއް މީޑިއާތަކުަގއ ބުނެފައިވާ ގޮތުން އެކަން ކުރީ އޭނާގެ ކުރީގެ ފިރިމީހާއެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، މޭ މަހުގެ ފަހުކޮޅާއި ޖޫން މަހުގެ ކުރީކޮޅު ގެވެށި އަނިޔާ އިތުރު ވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެފައި ވަނީ މިދިޔަ މާޗު އަދި އޭޕްރީލް މަހުގެ ތެރޭގައި ރާއްޖޭގައި އެކި ބާވަތްތަކުގެ މައްސަލަތައް ރިޕޯޓްކުރެވިފައިވާ މިންވަރު މަދު ނަމަވެސް މިދިޔަ މެއި މަހުގެ ފަހުކޮޅު ރިޕޯޓުކުރެވުނު މައްސަލަތަކުގެ އަދަދު ގިނަ ވެފައިވާ ކަމަށެވެ. އެގޮތުން އެންމެ ގިނައީ ގެވެށި އަނިޔާގެ ތެރެއިން ޖިސްމާނީ އަނިޔާގެ މައްސަލަތައްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ނަފްސާނީ މައްސަލަތައް ވެސް ގިނަކަމަށެވެ.