އޮންލައިންކޮށް ގިނަ ވިޔަފާރިތަކުގެ މުދާ ގަނެވޭނެ ގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ވާޗުއަލް ބީޓުބީ އެކްސްޕޯ ފަށައިފިއެވެ.
ސަޕްލައި އެމްވީން އިންތިޒާމް ކޮށްގެން ބާއްވާ ބީޓުބީ އެކްސްޕޯ ފަށާފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. އަދި މި އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަހުގެ ނިޔަލަށެވެ. މި އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 24 ގަޑި އިރު މެދު ނުކެނޑޭ ގޮތަށެވެ.
ސަޕްލައި އެމްވީން ބުނީ، ދުނިޔެ މިހާރު އޮތް ހާލަތާ ގުޅިގެން އެއްފަހަރާ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުމަކީ ރަނގަޅެއް ކަމަކަށް ނުވާނެތީ އޮންލައިން ކޮށް މި އެކްސްޕޯ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދު މިހާރު ކުރިއެރުވުމަށް މަސައްކަތް ކުރަމުން ދާ މި ދަނޑިވަޅުގައި ވިޔަފާރިތަކަށް ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިކޮށްދީ އޮންލައިން ކޮށް މިފަދަ އެކްސްޕޯއެއް ކުރިއަށް ގެންދިއުމަކީ ވިޔަފާރިތަކަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް ސަޕްލައި އެމްވީން ބުނެއެވެ.
މި އެކްސްޕޯގައި ބައިވެރިވާ ވިޔަފާރިތަކުން އެ ފަރާތްތަކުގެ މުދާތައް ދައްކައި ޒިޔާރަތްކުރާ ފަރާތްތަކަށް އޮންލައިންކޮށް ކޯޓޭޝަން ދިނުމާއި މުދާ ވިއްކުމުގެ ކަންކަން ހަމަޖެހިގެން ދާނެ ކަމަށް ސަޕްލައި އެމްވީން ބުނެއެވެ. ޒިޔާރަތްކުރާ ކަސްޓަމަރުންނަށް ލައިވް ޗެޓް މެދުވެރިކޮށް ވިޔަފާރިތަކާއެކު މުއާމަލާތް ކުރެވޭނެ ކަމަށް ވެސް އެ ފަރާތުން ބުނެއެވެ. އެއް ޕްލެޓް ފޯމަކުން އެކި ކަހަލަ ތަފާތު މުދާތައް ބަލައިލާ ގަތުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު މިއީ ގިނަ ބަޔަކަށް ވަރަށް ފަސޭހައިން މުދާ ގަތުމަށް ލިބިގެން ދާނެ ފުރުސަތެއް ކަމަށްވެސް ސަޕްލައި އެމްވީން ބުނެއެވެ.