މެދު ރާއްޖެތެރޭ ރަށެއްގައި އާއިލާ މީހަކު ރޭޕް ކުރި 18 އަހަރުން ދަށުގެ ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް ފެންމަތިވެ، އެ މައްސލަާގައި މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މި މައްސަލާގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިއަދު މެންދުރުފަހުގެ ވަގުތެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ، މި މައްސަލާގައި ހައްޔަރުކުރީ އުމުރުން 37 އަހަރުގެ ދިވެހި ފިރހެނަކު ކަމަށެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ޖެންޑާ މިނިސްޓްރީން ވަނީ، މެދު ރާއްޖެތެރޭގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު ބަނަޑުބޮޑުވި މައްސަލައެއް އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާ ކަމަށް މީގެ ކުރިން ބުނެފައެވެ. މިހާރު ޖެންޑާ މިނިސްޓްރީއާއި ފުލުހުންނާ ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމަށް ޖެންޑާއިން ބުނެއެވެ.

އަދި މިހާރު އެ ކުއްޖާ ހުރީ ރައްކާތެރި މާހައުލަކަށް ބަދަލުކުރެވިފައި ކަމަށް ވެސް ޖެންޑާއިން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މެދު ރާއްޖެތޭރެ ރަށެއްގެ ކުއްޖެއް ބަނޑުބޮޑުވެފައިވާ އިރު އެ ކުއްޖާ އަކީ ގްރޭޑް 7 ގައި ތައުލީމް ހާސިލް ކުރަމުންދާ ކުއްޖެކެވެ. އެ ކުއްޖާ ރޭޕްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތަކީ އެ ކުއްޖާގެ ޅިއަނު ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އަދި އެކުއްޖާ ބަނޑުބޮޑުވެފައިވާ ކަން އެނގިފައި ވަނީ ކުއްޖާ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޖިންސީ ގޯނާ ކުރުމާއި ރޭޕްކުރުން ފަދަ ކަންކަމާ ދެކޮޅަށް އަޑުއުފުލާ މުޒާހާރާ ކުރަމުންދާއިރު ދާދި ފަހުން 13 އަހަރުގެ އަންހެންކުއްޖެއް ވެސް ވަނީ އެ ކުއްޖާގެ ބައްޕަ އެކި ފަހަރު މަތިން ޖިންސީ ގޮނާ ކުރި ތުހުމަތުގައި ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 35 އަހަރުގެ ފިރިހެނެކެވެ.