މެދުރާއްޖެތެރޭގެ ރަށެއްގައި 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ފުލުހުންގެ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ، އއ، އދ، ވ) ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 10 އަހަރުގެ އަންހެން ކުއްޖަކާސް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހާޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކެއް ގޮތުގައި ބަލަމުންދާ މައްސަލަތަކެކެވެ. އެހެންކަމުން ކުއްޖާގެ މައުލޫމާތު ހާމަ ނުކުރާނެ ކަމާށާއި ކުއްޖާގެ އައިޑެންޓީޓީ ރައްކާތެރި ކުރާނެ ކަމަށް ފުލުހުން ބުނެއެވެ. މިފަދަ ހާދިޔާތައް ހިނގާ ރަށާއި އަތޮޅު ހާޟަ ނުކުރަނީ ވެސް އެހެންވެއެވެ.

ކުޑަކުދިންނާ ބެހޭ ޖިންސީ ގޯނާގެ މައްސަލަތައް ފެންމަތިވަމުން އަންނަ އަދަދު މިވަނީ އަނެއްކާވެސް އިތުރުވެފައެވެ. އަދި އެފަދަ ކަންކަމާ ދެކޮޅާށް މީހުން ދަނީ އަޑުއުފުލަމުންނެވެ. މިދިޔަ ހޯމަ ދުވަހު ހަވީރު ޖެންޑާ މިނިސްޓްރީ ކުރިމަތީގައި ވަނީ ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް މުޒާހަރަކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ ޖެންޑާ މިނިސްޓްރީ ކުރިމަތިން، ބޮޑުތަކުރުފާނުމަގު ބޭންކް އޮފް މޯލްޑިވްސް ކައިރިއަށް ހިނގަފައެވެ.

މި މުޒާހަރާގައި ބައިވެރިން ވަނީ އެ ބައިވެރިންނާ ދިމާވި ބައެއް ހާދިސާތައް ހިއްސާކޮށްފައެވެ. މީގެ އިތުރުން، މި މުޒާހަރާގައި ފުލުހުންނާ ހިނގި ކުރިމަތިލުމެއްގައި ދެ ޒުވާނަކު ހައްޔަރުކޮށް، 4 ޒުވާނެއްގެ މޫނަށް ވަނީ ޕެޕާ ސްޕްރޭ ވެސް ޖަހާފައެވެ.