ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ހަލުވިކަމާއެކު އިތުރުވަމުންދާ އަވަށްޓެރި އިންޑިއާއިން 10 ދުވަހުގެ ތެރޭގައި ތަރައްގީ ކުރި 10000 އެނދުގެ ވަގުތީ ހޮސްޕިޓަލް ހުޅުވައިފިއެވެ.
ކޮވިޑް-19ގެ ކޭސްތައް ރެކޯޑް އަދަދަކަށް އިތުރު ވަމުން ދާ ވެރިރަށް ނިއުދިއްލީގައި ހުޅުވި މި ހޮސްޕިޓަލަކީ، ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް، ވަގުތީ ހޮސްޕިޓަލުތަކުގެ ތެރެއިން އެންމެ ބޮޑެތި ހޮސްޕިޓަލުތަކުގެ ލިސްޓުން ޖާގަ ހޯދާ ހޮސްޕިޓަލެކެވެ.
ގާތްގަނޑަކަށް 25 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ދިއްލީއަކީ އިންޑިއާގައި ކޮވިޑް-19ގެ ނުރައްކާ މިވަގުތު އެންމެ ބޮޑުވެފައިވާ ސަރަހައްދެވެ. ދިއްލީއިން 87000 އަށްވުރެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، ދިއްލީން މި ބަލީގައި މަރުވި މީހުންގެ އަދަދު 2742 އަށް ވަނީ އަރާފައެވެ. މުޅި ގައުމުގެ ހާލަތަށް ބަލާއިރު، ބައި މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު، މަރުވި މީހުންގެ އަދަދު އުޅެނީ 17000 އަށްވުރެ މަތީގައެވެ.
ފާޑުކިއާ ފަރާތްތަކުން ބުނަމުންދަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާޗް 25 ވަނަ ދުވަހުން ފެށިގެން ތަންފީޒު ކުރަން ފެށި ލޮކްޑައުންގެ ހަރުކަށި އަމުރުން ލިއްބައިދިން ފުރުސަތުގެ ބޭނުން، ކަމާ ބެހޭ ފަރާތްތަކުން އެކަށީގެންވާ ގޮތެއްގައި ހިފާފައި ނުވާ ކަމަށެވެ. އެގޮތުން އެކަށީގެންވާ މިންވަރަކަށް ޓެސްޓު ކުރުން ކުރިއަށް ނުގެންދާއިރު، ކޮންޓެކްޓް ޓްރޭސް ކުރުމަށްވެސް ހަރުދަނާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަން ފާޑުކިއާ ފަރާތްތަކުން ފާހަގަކުރެއެވެ.
10 ދުވަހުން ތަރައްގީ ކުރި ހޮސްޕިޓަލު
ދިއްލީގެ އިސް އޮފިޝަލެއް ކަމަށްވާ ބީއެމް މިޝްރާ ވިދާޅުވީ މި ހޮސްޕިޓަލުގައި އަޅާފައިވާ 10000 އެނދަކީ ޑިސްޕޯސަބަލް އެނދުތަކެއް ކަމަށާ، ސިޓީގެ ރަށްބޭރުގައި އަޅާފައިވާ މި ހޮސްޕިޓަލުގައި ބޭނުންކުރާ އެނދުތަކަކީ ކާޑުބޯޑުން ތައްޔާރުކޮށްފައިވާ އެނދުތަކެއް ކަމަށެވެ.
މިޝްރާ ވިދާޅުވީ މިއީ ލުއި، އެހެންނަމަވެސް ވަރުގަދަ އެނދުތަކެއް ކަމަށާ، މިއިން ކޮންމެ އެނދަކަށް 2 އަހަރު ދުވަހުގެ ވޮރަންޓީއެއް އެބައޮތް ކަމަށެވެ. މިއިން އެނދެއްގައި 300 ކިލޯގްރާމްގެ ބަރު ހިފަހައްޓާނެ ކަމަށާ، މިއީ ފެން ނުވަންނަ ގޮތަށް ފަރުމާ ކޮށްފައިވާ އެނދުތަކެއް ކަމަށްވެސް މިޝްރާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއިން އެނދެއްގެ އަގަކީ ގާތްގަނޑަކަށް 1200 ރުޕީޒް ނުވަތަ 16 ޑޮލަރެވެ.
މީގެ ތެރެއިން 2000 އެނދު ހާއްސަ ކޮށްފައިވަނީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާ ނަރުހުންނަށް ކަމަށްވާއިރު، މިމަހުގެ 5 ހާ ހިސާބުގައި މި ހޮސްޕިޓަލުގެ އޮޕަރޭޝަންތައް ރަސްމީކޮށް ފެށޭނެ ކަމަށް އިންޑިއާއިން ލަފާ ކުރެއެވެ.
މިޝްރާ ވިދާޅުވީ ހަލުވި ދުވެއްޔެއްގައި އުފެއްދި މި އެނދުތަކަކީ ރަވާލަންވެސް އެހާމެ ފަސޭހަ އެނދުތަކެއް ކަމަށާ، މިހާ އަވަހަށް ހޮސްޕިޓަލުގެ މަސައްކަތްތައް ނިންމާލެވުނީ އެ ސަބަބާ ހެދި ކަމަށެވެ.
މި އެނދު ފަރުމާ ކުރި ފަރާތުން ބުނާ ގޮތުގައި މި އެނދުގެ އެންމެ ހާއްސަ ކަމަކީ، އެނދު ހަދަން ބޭނުން ކުރި ކާޑުބޯޑު މެޓީރިއަލްގައި ކޮވިޑް-19 ޖައްސާ ވައިރަސް އެންމެ ގިނަވަގެންވެސް ހަރުލާފައި ހުންނަނީ 24 ގަޑިއިރު ވަންދެން ކަމަށް ދިރާސާތަކުން ދައްކާފައި އޮތް އޮތުމެވެ.
22 ފުޓުބޯޅަ ދަނޑު
މި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާނީ ބަލީގެ އަލާމާތްތައް އިންތިހާއަށް ކުޑަކޮށް އަދި މެދު މިންވަރަކަށް ފެންނަ ޕޭޝަންޓުންނަށެވެ.
މި ހޮސްޕިޓަލު އޮޕަރޭޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާނީ އިންޑިއާއާއި ޒަމާންވީ އަދުއްވު ޗައިނާ، ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި ގާޑުންގެ ގޮތުގައި ހަރަކާތްތެރިވާ ޕެރާ މިލިޓްރީ ފުލުހުންގެ ފައުޖަކުން ކަމަށް ޚަބަރު ލިބެއެވެ.
ކޮވިޑް-19ގެ ކޭސްތައް ހަލުވިކަމާއެކު އިތުރުވަމުން އަންނަ އިންޑިއާއިން މި ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް އެޅި ވަގުތީ ހޮސްޕިޓަލަކީ ގާތްގަނޑަކަށް، 22 އަކަށް ފުޓުބޯޅަ ދަނޑުގެ ބޮޑު މިނުގެ ހޮސްޕިޓަލެކެވެ.
މިޝްރާ ވިދާޅުވީ މި ފެސިލިޓީގެ އެއާކޮންޑިޝަން ސިސްޓަމް ފަރުމާ ކޮށްފައިވަނީ ވައިރަލް ލޯޑު ނުވަތަ ވައިރަސް އެކުލެވޭ މިންވަރު އިންތިހާއަށް މަދު ކުރެވޭ ފަދަ ގޮތަކަށް ކަމަށެވެ.
މިދަނޑިވަޅަކީ އިންޑިއާގައި ކޮވިޑް-19 ފެތުރިގެން ދިޔަ ގޮތް ދިރާސާ ކުރުމަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ވަރުގަދަ ސާވޭއެއްވެސް ކުރަމުންދާ ދަނޑިވަޅެކެވެ.