ރޭ އިންގްލިޝް ޕްރިމިއާ ލީގުގައި އެވަޓަންގެ ދަނޑުގައި އެޓީމުން ތާވާލުގެ ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ 2-1 އަކުން ބަލިކޮށްފިއެވެ.
ރޭ މެޗުގެ 10 ވަނަ މިނެޓްގައި އެޓީމަށް ލީޑު ހޯދައިދިނީ އެވަޓަންއަށް ކުޅޭ ބްރެޒިލްގެ ހުނަރުވެރި ފޯވަޑް ރިކާލްސަންއެވެ. ސްކޯ 2-0 އަކަށް ހަދާ ދިނީ ޕެނަލްޓީ އޭރިއާގެ ތެރޭއިން ލެސްޓާގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހި އެވަޓަންއަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކުޅޭ އައިސްލޭންޑްގެ ކުޅުންތެރިޔާ ގުލްފީ ސިގަޑްސަންއެވެ. އެއީ މެޗުުގެ 16 ވަނަ މިނެޓުގައެވެ.
ރޭގެ މެޗުގެ ދެވަނަ ހާފްގައި ލެސްޓާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު އިރު އެޓީމުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އުފެއްދިއެވެ. މި ގޮތުން މެޗުގެ 51 ވަނަ މިނެޓްގައި ލެސްޓާއިން ލަނޑު ޖަހާ 2-1 އަކަށް ސްކޯ ހެދިއެވެ. އެހެން ނަމަވެސް ބާކީ އޮތް ވަގުތުގައި އެއްވަރު ކުރާނެ ލަނޑެއް އެޓީމަށް ނުޖެހުނު އިރު ތާވަލްގެ ގަދަ ހަތަރަކުން މިހާރު ލިބިފައި އޮތް ޖާގަ ގެއްލުމުގެ ބިރު މިވަނީ ބޮޑުވެފައެވެ. ތިން ވަނައިގައި އޮތް ލެސްޓާއާ ފަސްވަނަ އަދި ހަ ވައިގައި އޮތް މެންޗެސްޓާ އަދި ވުލްވްސްއާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ތަފާތެކެވެ. ސީޒަން އަލުން ފެށިފަހުން މި ދެ ޓީމު އޮތީ ލެސްޓާއަށް ވުރެ ރަނގަޅު ފޯމެއްގައި ވެސް މެއެވެ.
ސީޒަން ފެށިފަހުން މޮޅު ކުޅުމެއް ދައްކަމުން އަންނަ އެވަޓަންއަށް ރޭގައި ލިބުނު މޮޅާއެކު ކާމިޔާބުވި ތިން ޕޮއިންޓުން އެޓީމު މިވަނީ އަންނަ ސީޒަންގައި ޔޫރަޕާ ލީގުގައި ކުޅުމަށް ދެކެމުން އަންނަ ހުވަފެނާ ގާތަށް ޖެހިލާފައެވެ.