އަނިޔާ ލިބެމުންދާ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުގައި ދިވެހިރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރޯހިންޏާ މުސްލިމުންގެ ހައްގުގައި ދިވެހިރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ، ސުވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށްދާ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 44 ވަނަ ބައްދަލުވުމުގައި، އދގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރާއެކު ކުރިއަށްދިޔަ އިންޓަރެކްޓިވް ޑައެލޮގްގައި ކަމަށް، ޖެނީވާގައި ހުންނަ ދިވެހި ރާއްޖޭގެ މިޝަންއިން ހާމަ ކުރެއެވެ.

މުޅި ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި، އިންސާނީ ހައްގުތަކުން މަހްރޫމުވެފައިވާ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުން ޝިކާރައަކަށް ވަމުން އަންނަ ކަން ފާހަގަކޮށް، ދިވެހި ރާއްޖެއިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

މި ޑައެލޮގަށް ދެއްވި ބަޔާނުގައި، އދގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު މިޝޭލް ބެޝެލެޓް ވަނީ މިޔަންމާގެ ރޯހިންޏާ ދަރިކޮޅުގެ މީހުންގެ ހާލަތަށް އެދެވޭ ބަދަލެއް އައިސްފައި ނުވާކަން ފާހަގަކުރައްވާފައެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މަސްރަހު އިތުރަށް ގޯސްވެފައިވާކަން ބެޝެލެޓްވެސް ވަނީ ފާހަގަކުރައްވާފައެވެ.

މިޔަންމާގައި ކޮވިޑް-19 ފެތުރިގެން ދިއުން ކޮންޓްރޯލް ކުރެވިފައި އޮތެއް ކަމަކު، އދގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައްވާފައިވާ ފަދައިން، ރޯހިންޏާ ދަރިކޮޅުގެ މީހުން ދިރިއުޅެމުންދާ ރާހީން ސްޓޭޓްގައި ހިންގަމުންދާ ހަމަލާ ބަދަލު ކުރުންތައްހުއްޓުމަކަށް ގެނައުމަށް، މިޔަންމާގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާ ކަމަށްވެސް ބެޝެލެޓް ވަނީ ވިދާޅުވެފައެވެ.

2017 ވަނަ އަހަރު މިޔަންމާގެ އަސްކަރިއްޔާއިން ރާހީން ސްޓޭޓްގައި ހިންގި ގަތުލު އާންމުން ސަލާމަތްވުމަށް މިޔަންމާ ދޫކޮށް އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކުރި ރެފިއުޖީންގެ އަދަދު މިލިއަނަކަށް އަރާނެ ކަމަށް ލަފާކުރާއިރު، ބަންގްލަދޭޝްގެ ކޭމްޕުތަކުގައި މި ރެފިއުޖީން ދަނީ ތަކުލީފުތަކެއް އުފުލަމުންނެވެ. ބަންގްލަދޭޝްގެ ކޭމްޕުތަކުގައިވެސް ކޮވިޑް-19ގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.

ދިވެހި ހާރިޖިއްޔާއިންވަނީ، އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 44 ވަނަ ބައްދަލުވުމުގައި ދިވެހި ވަފުދުން ހަރަކާތްތެރި ދައުރެއް އަދާކުރަމުން ދާނެކަން ކަށަވަރުކޮށްދީފައެވެ. މި ބައްދަލުވުންތަކުގައި ދިވެހި ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވަނީ ޖެނީވާގައި ހުންނަ ދިވެހި މިޝަންގެ ދާއިމީ މަންދޫބު ޑރ ހާލާ ޙަމީދެވެ.