މާޗްމަހުގެ ފުރަތަމަ ހަފްތާގައި ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލީ 2020 ވަނަ އަހަރުގެ ފުރަތަމަ ޓާމުގެ ފުރަތަމަ ސެމިސްޓާގެ ކިޔެވުން ނިމި، މިޑް ޓާމް ބްރޭކް އައިސް ޖެހުމާއެކުއެވެ. އޭރު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކުވެސް ފެނިފައެއް ނުވާއިރު، މާލެ ސަރަހައްދުން ޝައްކު ކުރެވޭ މީހަކު ވެސް އެވަގުތަކު ނެތެވެ. މިޑް ޓާމް ބްރޭކަށް މާޗް 5 ވަނަ ދުވަހު ސްކޫލުތައް ބަންދުކުރި އިރު، ރާއްޖެއިން ފުރަތަމަ ޕޮޒިޓިވް ކޭހެއް ފެނިފައި ވަނީ މާޗް 7 ވަނަ ދުވަހެވެ.

މިއަދު މިވަނީ ކޮވިޑް-19އިން ރައްކާތެރި ވުމަށްޓަކައި އެޅި ފިވަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން މިހާރު އިއުލާން ކޮށްފައިވާ ނިއު ނޯމަލްގައި ސްކޫލުތައް ހުޅުވާ ކިޔަވަދޭން މިއަދު ފަށާފައެވެ. ސްކޫލަތައް މިއަދު ފެށިގެން ގޮސްފައިވާއިރު ދަރިވަރުންނަށާއި ޓީޗަރުންނަށްވެސް ފެނިގެން ގޮސްފައި ވަނީ މުޅިން ތަފާތު މަންޒަރުތަކެކެވެ.

"ދަ ޕްރެސް" އަށް ވަނީ ބައެއް ސްކޫލްތަކުގެ ކުދިންނާއި އެ ސްކޫލްތަކުގެ މުދަރިސުންގެ އިހުސާސްތައް ހިއްސާކޮށްފައެވެ. ބައެއް ދަރިވަރުން ކިޔައިދިން ގޮތުގައި އެއީ ސްކޫލުގައި އުޅެން ބޭނުންވާ ގޮތެއް ނޫނެވެ. ޓީޗަރުން ބުނި ގޮތުގައި އެއީ ކުރިއަށް ވުރެ ކްލާސްތައް ހަމައަކަށް އެޅުވުމަށް އުނދަގޫ ކަމެކެވެ. ހާއްސަކޮށް ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނެވެ.

ފީވަކު ސްކޫލްގައި ދަރިވަރުން ކްލާހަށް ވަނުމުގެ ކުރިން ހުން ބަލަނީ

އަތޮޅުތެރޭގެ ރަށެއްގެ ސްކޫލަަށް ދާ، ގްރޭޑް 2 ގައި އުޅޭ ދަރިވަރަކު ބުނި ގޮތުގައި ބޭނުންވަނީ ކުރީގައި ސްކޫލަށް ދިޔަ ގޮތައް ދާށެވެ. މިހާރު ސްކޫލަށް ދާއިރު ޓީޗަރު ކައިރިއަށް ނުދެވުމަކީވެސް އެ ދަރިވަރަށް އުނދަގޫ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

އެއްވެސް މަޖަލެއް ނޫން ސްކޫލެއް މިހާރު، ކުރިން ސްކޫލަށް ދިޔަހެން ދާން ބޭނުމީ، މިސްވެސް ހުންނަނީ ވަރަށް ދުރުގަ، ކިހިނެއް މިސްއަށް އިނގޭނީ މި ހަދާ ފިލާވަޅު ރަނގަޅު ކަމެއްވެސްއަދި ބައެއް ކުދިން މާސްކު ނަގައިގެންވެސް އުޅޭ
ގްރޭޑް 2 ގެ ދަރިވަރެއް

ގްރޭޑް 7 ގައި އުޅޭ ދަރިވަރަކު ބުނީ ފަހަރަކު ކުއްޖަކު ހުން ބެލުމަށް ފަހު ސްކޫލަށް ވައްދާއިރު ގިނައިރުވާ ކަމަށާއި އެއީ ވަރަށް އުނދަގޫވާ ކަމެއް ކަމަށެވެ. ކްލާހަށް ވަނުމުން މިހާރު އެގޮތައް ކަންތައް ކޮށްފައި ހުރީ ކީއްވެކަން ކިޔާދިން ކަމަށްވެސް އެ ދަރިވަރު ބުނެއެވެ.

ފަޔައް ތަދުވޭ ލައިންގަ ގިނަ އިރު ހުރެހުރެ، ކްލާހަށް ދެވެނީ އެހާ ލަހުން އަދި، މިސް ކިޔާދިން ކީއްވެކަން އެކަހަލަ ރޫލްސްތައް ހަދާފަ އެ ހުރީ، ބުނި ކޮވިޑް އުޅޭތީއޭ އެއީ
ގްރޭޑް 7 ގެ ދަރިވަރެއް

ހަމަ އެގޮތައް ގްރޭޑް 10 ގައި އުޅޭ ދަރިވަރަކާވެސް ސުވާލު ކޮށްލީމެވެ. އެ ދަރިވަރަށް މާސްކް އަޅައިގެން ކިޔަވަން އުނދަގޫ ކަމަށާއި ބައެއް ކުދިން އުނދަގޫވެގެން މާސްކް ނަގަން އުޅޭ ކަމަށެވެ. ބައެއް ކުދިން ދެން ދާނީ މާސްކް ނާޅާ ކަމަށް ބުނާ ކަމަށްވެސް އެ ދަރިވަރު ކިޔައިދިނެވެ. އަދި އަތް ދޮންނަން ޖެހުމަކީ އުނދަގޫ ކަމެއް ކަން ވަނީ ފާހަގަ ކޮށްފައެވެ.

ފުވައްމުލަކު ސްކޫލް ނިއު ނޯމަލް އަށް ތައްޔާރު ވެފައި / ފޮޓޯ: ސޯޝަލް މީޑިއާ

ހަމަ ޔަގީނުންވެސް މިއީ ޓީޗަރުންނަށްވެސް ވަކި ފަސޭހަ މަސައްކަތަކަށް ނުވާނެއެވެ. އާންމުކޮށްވެސް ސްކޫލްތަކުގައި ހާއްސަކޮށް ޕްރައިމަރީ ގްރޭޑްތަކުގެ ކުދިންނަކީ އެއްތަނަކު އިނުމަށްވުރެ ކޮންމެވެސް ތަނަކަށް ދުވެލާ އުޅެން ބޭނުންވާ ކުދިންނެވެ. ގާތް ރައްޓެހިން ކައިރީ ޖެހިގެން އިންނަ ޑެސްކުގައި އިންނަން ބޭނުންވާ ކުދިންނެވެ. ނަމަވެސް މިއަދު އެ ވަނީ އެކުދިންނަށްވެސް އެ ކަންކަމުން ދުރުވާން މަޖުބޫރު ވެފައެވެ.

ނިއު ނޯމަލްގައި ސްކޫލު ހުޅުވަން ތައްޔާރުވެފައި / ފޮޓޯ: އެޑިއުކޭޝަން

ކުރިން ބޭނުން ގޮތަކަށް ސްކޫލް ތެރޭގައި ދުވެލާފައި ދިޔަ ނަމަވެސް މިއަދު އެ ވަނީ ބުނެފައިވާ ގޮތައް ހިނގާފައި ދާން ޖެހިފައެވެ. ވާހަކަ ދައްކާލި ބައެއް ޓީޗަރުން ބުނި ގޮތުގައި މިއީ ދުވަހަކުވެސް އައިސްދާނެ ކަމަށް ގަބޫލު ކޮށްފައިވާ ހާލަތެއް ނޫން ކަމަށާއި ކުދިންގެ އުޅުމަށް އެކަމުން ވަރަށް ބޮޑެތި ބަދަލު ތަކެއް އަންނާނެ ކަމަށެވެ.

އެހެން ޓީޗަރަކު ބުނިގޮތުގައި މިއީ ކުދިންނަށް އުނގަންނައި ދިނުމަށް އެޅުނު ހުރަހަކަށްވެސް ވެދާނެ ކަމަށާއި މިއީ ތަފާތު ތަޖުރިބާއެއް ކަމަށް އޭނާ ބުނެއެވެ. އެހާ ގިނަ ދުވަސް ފަހުން ދިމާވުމުން އުފާވާ ކަމަށާއި ނަމަވެސް ކުދިންނަށް އެ ގަވައިދު ތަކަށް އަމަލު ކުރަން ވަގުތު ބޭނުންވާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ބައެއް ކުދިން އުނދަގޫވެގެން މާސްކް ނަގަންވެސް އުޅޭ ކަމަށް އޭނާ ކިޔައިދިނެވެ.

އަސްލު ވަރަށް އުނދަގޫ ކިޔަވައިދޭން، ކުދިންނަށް ނޭނގޭ ރަނގަޅަށް މާސްކް އަޅައިގެން ވާހަކަ ދައްކަންވެސް، އެއް ފަހަރު ބުނާ އެއްޗެއް ޓީޗަރަށް ނޭނގުނީމަ ދެވަނަ ފަހަރަށް އެހީމަ ބައެއް ކުދިން ނުވެސް ބުނެދޭ
ޓީޗަރެއް

މިއަދު ރާއްޖޭގެ އަތޮޅުތަކުގެ ހުރިހާ ސްކޫލެއްގައި ކިޔަވަދޭން ފަށާފައި ވާއިރު، ޕްރީސްކޫލް ގްރޭޑް ތަކަށް އަދި ކިޔަވަދޭން ފަށާފައެއް ނުވެއެވެ. ހަމަ އެގޮތައް މިއަދު މާލެ ސަރަހައްދުގައި ގްރޭޑް 9 އަކުން މަތީގެ ދަރިވަރުންނަށް ކިޔަވައިދޭން ވަނީ ފަށާފައެވެ.

ޖުލައި މެދުތެރޭގައި ކީ ސްޓޭޖް 3 (ގްރޭޑް 7 ،8) ގެ ކިޔެވުން ފެށުމަށް ފަސްކޮށްފައި ވާއިރު، ކީ ސްޓޭޖް 1 އަދި 2 (ގްރޭޑް 1 އިން ގްރޭޑް 6) ގެ ކިޔެވުން ފަށާނީ އޮގަސްޓް މަހު ކަމަށް ނިންމައި، ޕްރީ ސްކޫލު ދަރިވަރުންނަށް ސްކޫލު ހުޅުވަން ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުއެވެ.