އާންމުކޮށް އާއިލާ ތެރޭގައި ކުޑަކުދިންނާ ބެހެނީ 45 އަހަރު އަދި 50 އަހަރާ ދެމެދުގެ މީހުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީ، އައިޖީއެމްއެޗް އަދި ޕީޖީ އޮފީހުން ގުޅިގެން ބާއްވާ ޕްރެސް ކޮންފަރެންސްފައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، އާންމުކޮށް އައިލާ ތެރޭގައި ކުޑަކުދިންނާ ބެހެނީ އުމުރުން ދޮށީ މީހުންނަށް ކަމަށެވެ. އެގޮތުން، އާއިލާ ތެރެއިން، ކުޑަކުދިން ގްރޫމްކޮށްގެން ވެސް މިއުމުރުގެ މީހުން އުޅޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ވަނީ މިފަދަ ކަމެއްގެ ޝައްކެއް ނުވަތަ ތުހުމަތެއްވީ ކަމުގައިވީ ނަމަވެސް ވީހާވެސް އަވަހަކަށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އެހެން ކަން ކުރުމުން މައްސަލަތަކުގައި ހެކި ހޯދަން ވެސް ފަސޭހަ ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އަވަހަށް ކުށް ރިޕޯޓް ކުރުމުން، އެކަން ހަނދާން ހުންނާނެ ކަމަށެވެ. އަދި ގިނަ ބަޔަކު އެއްގޮތަކަށް ހެކިބަސް ދީފިނަމަ ކުށް ސާބިތު ކުރުމަށް ފަސޭހަވާނެ ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ، ގިނަ ދުވަސްވާ ވަރަކަށް މީހުން ހަނދާން ނެތޭނެތީ، އެއްވެސް ފުށުއެރުމެއްނެތި ގިނަ ބައެއްގެ ހެކިބަސް ނެގޭނެހެން އަވަހަށް ރިޕޯޓް ކުރުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޕީޖީ މިހެން ވިދާޅުވެފައިވާއިރު، ކުޑަކުދިން ގްރޫމްކޮށްގެން ޖިންސީ ގޯނާ ކުރުމަކީ މިހާރު ވަރަށް ގިނައިން ފެންމަތިވާ ކަމެކެވެ. ގްރޫމް ކުރުމަކީ ކުއްޖާގެ އާއިލާއާ ގުޅުން ބަދަހިކޮށް، އާއިލާގެ އިތުބާރު ހޯދައިގެން ކުއްޖާގެ ގާތް މީހެއް ކަމަށް ހެދުމެވެ.