ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކަށް އައިޖީއެމްއެޗް މެންޓަލް ހެލްތް ސެންޓަރުގެ ސައިކޮލޮޖިސްޓް ޑރ. އާފިޔާ ތައުރީފު ކުރައްވައިފިއެވެ.

ޖެންޑާ މިނިސްޓްރީ، އައިޖީއެމްއެޗް އަދި ޕީޖީ އޮފީސް ގުޅިގެން ބާއްވާ ޕްރެސް ކޮންފަރެންސްފައި ވާހަކަ ދައްކަވަމުން ޑރ. އާފިޔާ ވިދާޅުވީ، ޖިންސީ ގޯނާއާ ދެކޮޅަށް ޒުވާނުން ވެސް އަޑު އުޑުއުފުލަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި މިކަން ނުހުއްޓާ ކުރިއަށް ގެންދިއުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ ޑރ. އާފިޔާގެ ވާހަކަތަކަށް ތާއިދު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ރައްޔިތުން ކަންބޮޑުވާ ކަންކަމުގައި އަޑު އުފުލޭނެ ގޮތެއް އޮންނަން ޖެހޭ ކަމަށާއި މުޒާހަރާވެސް ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، އެކި މީހުން އަޑު އުފުލަނީ އެކި ގޮތަށް ކަމަށެވެ.

މިނިސްޓަރާއި ޑރ. އާފިޔާ މިހެން ވިދާޅުވެފައިވާއިރު މިދިޔަ ހޯމަ ދުވަހު ހަވީރު ޖެންޑާ މިނިސްޓްރީ ކުރިމަތީގައި ވަނީ ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް މުޒާހަރަކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ ޖެންޑާ މިނިސްޓްރީ ކުރިމަތިން، ބޮޑުތަކުރުފާނުމަގު ބޭންކް އޮފް މޯލްޑިވްސް ކައިރިއަށް ހިނގަފައެވެ.

މި މުޒާހަރާގައި ބައިވެރިން ވަނީ އެ ބައިވެރިންނާ ދިމާވި ބައެއް ހާދިސާތައް ހިއްސާކޮށްފައެވެ. މީގެ އިތުރުން، މި މުޒާހަރާގައި ފުލުހުންނާ ހިނގި ކުރިމަތިލުމެއްގައި ދެ ޒުވާނަކު ހައްޔަރުކޮށް، 4 ޒުވާނެއްގެ މޫނަށް ވަނީ ޕެޕާ ސްޕރޭ ވެސް ޖަހާފައެވެ.