ކޮންމެ 3 މީހަކުން އެކަކީ އެމީހެއްގެ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ޖިންސީ ގޯނާގެ ޝިކާރައަށް ވާ މީހެއް ކަމަށް އައިޖީއެމްއެޗްގެ މެންޓަލް ހެލެތް ސެންޓާރުގެ ސައިކޮލޮޖިސްޓް ޑރ. އާފިޔާ ވިދާޅުވެއްޖެއެވެ.
ޖެންޑާ މިނިސްޓްރީ، އައިޖީއެމްއެޗް އަދި ޕީޖީ އޮފީހުން ގުޅިގެން ބާއްވާ ޕްރެސް ކޮންފަރެންސްފައި ވާހަކަ ދައްކަވަމުން ޑރ. އާފިޔާ ވިދާޅުވީ، ދުނިޔޭގެ ދިރާސާތަކުން ދައްކާގޮތުން، ކޮންމެ 3 މީހަކުން އެކަކީ އެމީހެއްގެ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ޖިންސީ ގޯނާގެ ޝިކާރައަށްވާ މީހެއް ކަމަށެވެ. އެހެންކަމުން މިއީ ވަރަށް ސީރިއަސް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. އާފިޔާ ވިދާޅުވީ، ރާއްޖޭގައި ވެސް މިފަދަ ދިރާސާތައް ހެދުނު ކަމަށާއި ނަމަވެސް އެ ދިރާސާތަކުން ދައްކާ ނަންބަރު ތަކަށްވުރެ އަސްލު ހިނގާ ހާދިސާތައް ގިނަވާނެ ކަމަށް މާހިރުން ވިދާޅުވާ ކަމަށެވެ. އޭނާ ވިދަޅުވީ، މިފަދަ ދިރާސާތައް ހަދަނީ މައްސަލަތައް ރިޕޯޓްކުރާ މިންވަރަށް ބަލާފަ ކަމަށެވެ.
އޭނާ ވިދާޅުވީ ނަފްސާނީ ކަންކަމަށް އެހީތެރިކަން ހޯދަންދާ ފަރާތްތަކަށް ބަލާއިރު، އޭގެ ތެރެއިން ގިނައީ ކޮންމެވެސް ކަހަލަ ޖިންސީ ގޯނާއެއް ލިބިފައިވާ ފަރާތްތައް ކަމަށެވެ.
މީގެ އިތުރުން ޑރ. އާފިޔާ ވިދާޅުވީ، ޖިންސީ ގޯނާގެ ޝިކާރައަށް ވެފައިވާ ފަރާތްތަކުގެ އަޑު އުފުލަން ޖެހޭ ކަމަށެވެެ ނަމަވެސް، އެ ފަރާތްތަކަށް އެ ފަރާތްތަކާމެދު ހިނގާ ކަންކަމުގެ ވާހަކަ ދެއްްކުމަކީ ފަސޭހަ ކަމެއް ނޫން ކަން ފަހަގަ ކުރައްވާ އޭނާ ވަނީ އެކަމުގައި ސަމާލުވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މިފަދައިން އަޑު އުފުލުމުގެ ސަބަބުން ނަފްސާނީ އުދަނގޫތަކެއް ކުރިމަތިވެ، ރީ-ވިކްޓަމައިޒް ވެދާނެ ފަދަ ހާލަތްތައް ވެސް ދިމާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖިންސީ ގޯނާޔާ ދެކޮޅަށް އަޑުއުފުލާމީހުން ޖަލަށް!