ޖިންސީ ގޯނާކޮށްގެން، އަދި އެފަދަ މައްސަލަތަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ތިބީ 54 މީހުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީ، އައިޖީއެމްއެޗް އަދި ޕީޖީ އޮފީހުން ގުޅިގެން ބާއްވާ ޕްރެސް ކޮންފަރެންސްފައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، މިފަދަ މައްސަލަތަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ތިބީ 54 މީހުން ކަމަށެވެ. އަދި މިއީ ޝަރުއީ ނިޒާމުގައިވާ ކަމެއް ކަމުން މިކަން ކަން އަވަސް ކުރުމަށް ކުރެވޭނެ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަަތަކާއި އެހެނިހެން މައްސަލަތަކުގެ ޝަރީއަތް ނުހިނގާކަމުގެ ޝަކުވާ ވަރަށް ބޮޑަށް ލިބެމުންދާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިކަމާ ގުޅިގެން ޖެނުއަރީ ފެބްރުއަރީ މަސްތެރޭ ގިނަ މަޝްވަރާތަކެއް ކުރެވި، ހާއްސަކޮށް ޖިންސީ ގޯނާ އަދި ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ވީހާވެސް އަވަހަށް ނިންމާލުމުގެ މަސައްކަތް ބާރަށް ފެށިގެން ދިޔަ ކަމަށެވެ. އޭނާ ވިދާޅުވީ، މި މައްސައްކަތް ބާރަށް ފަށައިގަތްތަނާ ލޮކްޑައުންކޮށް، މި މަސައްކަތް މަޑުޖެހިގެން ދިޔަ ކަމަށެވެ.

މިފަދަ މައްސަލަތައް އަވަހަށް ނިންމާ ދިނުމަށް ޑީޖޭއޭ އަދި ސުޕްރީމް ކޯޓުގައި ތަކުރާރުކޮށް ދެންނެވިފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ލޮކްޑައުންއަށް ލުއި ލެބެމުންދާ ވަރަކުން މިފަދަ މައްސަލަތައް އަވަހަށް ނިންމުމުގެ މަސައްކަތް އަވަހަށް ނިންމާ ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، އެންމެ ގިނަ މައްސަލަ ޕީޖީއާ ހަމައަށް އައިސްފައި ވަނީ ވޭތުވެދިޔަ 3 އަހަރާ އަޅާބަލާއިރު މި އަހަރު މާޗްމަހު ކަމަށެވެ. އަދި އެއީ 31 މައްސަލަ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިދިޔަ އަހަރު ޖުމްލަ 122 މައްސަލައެއް ދައުވާ ކުރާ ހިސާބަށް ދިޔައިރު، މިއަހަރު މިހާތަނަށް 106 މައްސަލަ ދައުވާ ކުރާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. މިބާވަތުގެ އެންމެ މައްސަލައަކީ ވެސް މާ ގިނަ މައްސަލަ ކަމަށް އޭނާ ވިދާޅުވިއެވެ.