ނިމިދިޔަ ރޯދަމަހު 'ދަ ޕްރެސް' އިން ކުރިއަށް ގެންދިޔަ ކުރު ވާހަކަ މުބާރާތުގެ އެންމެ މޮޅު ތިން ވާހަކަ ހޮވައިފިއެވެ.
ރޯދަމަހަށް ހާއްސަކޮށްގެން 'ދަ ޕްރެސް' އިން ކުރިއަށް ގެންދިޔަ ކުރުވާހަކަ މުބާރާތަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔައެވެ. ތަފާތު އެކި ހާދިސާތަކަށް ލިޔެފައިވާ ވާހަކަތައް ފޮނުވާ ގިނަ ބަޔަކު ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ.
އެގޮތުން ހުށަހެޅި ވާހަތަކުގެ ތެރެއިން މުބާރާތުގެ އުސޫލާ އެއްގޮތްވާ ވާހަކަތައް ވާނީ މި ދިޔަ ރޯދަމަހު ކިޔުންތެރިންނަށް މި ނޫހުން ގެނެސްދީފައެވެ.
ކުރުވާހަކަ މުބާރާތުގައި ގެނެސްދެވުނު ވާހަކަތަކުގެ ތެރެއިން އެންމެ މޮޅު ވާހަކައަކަށް ހޮވިފައި ވަނީ އައިމިނަތު ޝީޒާ ހުށަހެޅި "ގަދަބާރު" ވާހަކައެވެ. މި ވާހަކާގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖާގެ މައިންބަފައިން އޭނާގެ ނުރުހުމުގައި މުސްކުޅިއަކާ އޭނާ ކައިވެނި ކުރުވަން އުޅެއެވެ. އެކަމުން ސަލާމަތްވާން ގެއިން ފިލައިގެން ދެއެވެ. ނަމަވެސް ފަހުން އޭނާގެ މައިންބަފައިން އޭނާ ހޯދައެވެ. އަދި ގަދަބާރުން ގެންގޮސް އެ މުސްކުޅި މީހާއާ ދެވައެވެ. 30 އަހަރު ކައިވެންޏަށް ވެގެން ދާއިރުވެސް އެ އަންހެން މީހާގެ ހިތުގައި އެ ޒަހަމްތައް ހުރެއެވެ.
ދެވަނަ އަށް ހޮވިފައި ވަނީ އައިޝަތު ލިއުޝާ ހުށަހެޅި "ޅަ ހިތެއްގެ އިހްސާސް" ވާހަކައެވެ. މިވާހަކައަކީ ބަނޑުގައި ވާ ތުއްތު ކުއްޖާގެ އިހްސާސްތައް ސިފަކޮށްދީފައިވާ ވާހަކައެކެވެ. ބަނޑުގައިވާ ތުއްތު ދަރިފުޅާއި މައިމީހާއާ ދެމެދުގައިވާ ގުޅުމުގެ ވާހަކައެވެ. ބަނޑުގައި ވާ ކުއްޖާއަށް އިވޭ އަޑުތަކާއި މަންމަ ކުރާ ކަންތައްތައް ދެނެގަންނަން އެނގޭ ގޮތުގެ ވާހަކައެވެ. އުފަން ވުމަށްފަހުވެސް ކުއްޖާ މަންމައާ އެކު އުޅެން ބޭނުންވާ ކަމާއި އެފަދަ ކުއްޖެއްގެ އިހުސާސްތައް ވަރަށް ސާފުކޮށް ގެނެސްދީފައިވާ ރީތި ވާހަކައެކެވެ.
ތިންވަނަ އަށް ހޮވިފައި ވަނީ ސަމާ އިސްމާއީލް ހުށަހެޅި "ސިއްރުކޮށްދޭށޭ" ވާހަކައެވެ. މި ވާހަކައިގައި އުޅޭ ޒުވާނާއަށް ދިމާވާ ބިރުވެރި ހާދިސާއެއް ވަނީ ވަރަށް ރީތިކޮށް ސިފަކޮށްދީފައެވެ. ކޮންމެ ހަފްތާއެއްގެ ހުކުރު ވިލޭރޭ އެއް ވަގުތެއްގައި އެގޭ ގޯތިތެރޭގައި ހައްދާފައި ހުންނަ ގަސްތަކުގެ ތެރެއިން އިވޭ އަޑަށް ސަމާލުކަން ދީގެން އޭނާ ގެއިން ބޭރަށް ނުކުމެ އެތަން ބަލަން މަސައްކަތް ކުރެއެވެ. ހިތުގައި އެތައް ޝައްކަކާއި ވަހުމެއް އަށަގަނެ ބިރުވެރިކަމާއި ހާސްކަމެއްގެ ތޭރޭގައި ހުއްޓާ ގަސްތަކުގެ ތެރޭގައި ހުރި މީހާ އޭނާ ގާތު އެދުނީ އޭނާ އެތަނުގައި ހުރި ވާހަކަ ސިއްރުކޮށްދިނުމަށެވެ.
ކުރުވާހަކަ މުބާރާތުގައި ބައިވެރި ހުރިހާ ފަރާތްތަކަށް 'ދަ ޕްރެސް' ގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔަމެވެ. އަދި މި މުބާރާތުގެ އެންމެ ރަނގަޅު 3 ވާހަކައަށް ލިޔުނު ފަރާތްތަކަށް ދޭން ހަމަޖެހިފައިވާ އިނާމް ހަވާލު ކުރުމަށް އެ ފަރާތަކަށް ގުޅާނަމެވެ.
ވާހަކަ ލިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވާހަކަ ލިޔުމުގެ ރޮނގުން ކުރިއަށް ދިއުމުގެ ފުރުސަތު ދިނުމުގެ އިތުރުން، މިފަދަ އިތުރު މުބާރާތެއް ބޮޑެތި އިނާމުތަކާއެކު، އަންނަ ރޯދަ މަހުވެސް ބޭއްވާނެ ކަމަށް މި ނޫހުގެ މެނޭޖްމަންޓުން ބުނެއެވެ. އަންނަ ރޯދަ މަހު ވެސް ތަފާތު ރީތި ކުރު ވާހަކަތައް ހުށަހަޅާނެ ކަމުގެ އުންމީދުގައި މި އަހަރުގެ މުބާރާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރަމެވެ.