ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުކޮށްދޭނެ ވެކްސިނެއް ތަރައްގީ ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަވަށްޓެރި އިންޑިއާއިން އަންނަ މަހު، އިންސާނުންގެ ހަށިގަނޑުގައި ވެކްސިނެއް ޓެސްޓު ކުރާނެ ކަން ހާމަކޮށްފިއެވެ.

އިންޑިއާގައި ތަރައްގީ ކޮށްފައިވާ މި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ވޮލަންޓިއާ ކުރި މީހުންނަށެވެ. ނަމަވެސް، ބަހާރާތު ބައޯޓެކުން ކުރިއަށް ގެންދާ މި ތަހުލީލުގައި ބައިވެރިވަނީ ކިތައް މީހުން ކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.

ޖަނަވާރުގެ ހަށިގަނޑުގައި މި ވެކްސިން ޓެސްޓު ކޮށްފައިވާއިރު، ދިފާއީ ނިޒާމުން އެދެވެ އިޖާބައެއް ފެނިފައިވާކަމަށް ޚަބަރު ލިބެއެވެ.

ކޮވިޑް-19އަށް 120 ވެކްސިނެއް ތަރައްގީ ކުރުމުގެ މަސައްކަތް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާއިރު، އިންޑިއާގެ 6 ކުންފުންޏަކުންވެސް ދަނީ މިކަމުގައި ބައިވެރިވަމުންނެވެ.

އިންޑިއާގެ ބަހާރަތު ބައޯޓެކްގެ ވެކްސިނަށް ދީފައިވާ ނަމަކީ "ކޯވެކްސިން"/ފޮޓޯ: ރިޕަލްބިކް ވޯލްޑް

ޖުލައި މަހު ވޮލަންޓިއަރުންގެ ހަށިގަނޑުގައި ޓެސްޓު ކުރަން ފަށާ ބަހާރަތު ބައޯޓެކުގެ ވެކްސިނަކީ، އިންޑިއާއިން އިންސާނުންގެ ހަށިގަނޑުގައި ޓެސްޓު ކުރާ ފުރަތަމަ ވެކްސިނެވެ.

މި ވެކްސިން ތަރައްގީ ކޮށްފައި ވަނީ ވައިރަހަކުން އެކަހެރި ކުރި ސްޓްރެއިނެއް، ލެބޯޓްރީގައި ބަލިކަށިކޮށްލައިގެންނެވެ. މިމަސައްކަތްވެސް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގައެވެ.

ބަހާރަތު ބައޯޓެކުން އާންމު ކުރި ބަޔާނަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، އިންސާނުންގެ ހަށިގަނޑުގައި ވައިރަސް ތަހުލީލު ކުރުމުގެ 1 ވަނަ މަރުހަލާއާއި 2 ވަނަ މަރުހަލާ ކުރިއަށް ގެންދިއުމަށް އިންޑިއާގެ ޑްރަގް ކޮންޓްރޯލް އާއި ބެހޭ އިދާރާތަކުން ހުއްދަ ދީފައިވާކަމަށެވެ.

ބަހާރަތު ބައޯޓެކްގެ ޗެއާމަން ޑރ ކްރިޝްނާ އެލާ ހާމަކުރެއްވި ގޮތުގައި، އިންޑިއާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއާއި އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް ގުޅިގެން ތަރައްގީ ކުރި މިވެކްސިނަށް ދީފައިވާ ނަމަކީ "ކޯވެކްސިން" އެވެ.

ބަހާރަތު ބައޯޓެކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް 4 ބިލިއަނަށްވުރެ ގިނަ ޑޯޒްގެ ވެކްސިން ފޯރުކޮށްދީފައިވާ ކުންފުންޏެކެވެ. މި ކުންފުނިން ތަރައްގީ ކުރި ވެކްސިންތަކުގެ ތެރޭގައި އެޗް1އެން1 އާއި ރޯޓާވައިރަހުން ދިފާއުވުމަށް ބޭނުންކުރާ ވެކްސިންތައް ފާހަގަކުރަންޖެހެއެވެ.