ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ކުރިމަތިލުމުގެ ނަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ އެކުލަވާލެއްވި 1 ބިލިއަން ޑޮލަރުގެ ފަންޑާ ގުޅިގެން ބޮޑެތި ސުވާލުތަކެއް އުފެދިއްޖެއެވެ.

މި ފަންޑުގެ ހަރަދުތައް ހިނގާ ގޮތާ މެދު ސުވާލު އުފެދެން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ، މި ފަންޑުން ފައިސާ ހިނގާ ގޮތް، ދެފުށް ފެންނަ، ހާމަކަން ބޮޑު އުސޫލަކުން ހިނގަމުން ނުދިއުން ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ފާހަގަކުރެއެވެ.

ކޮވިޑް-19ގެ ސަބަބުން ހާލުގައި ޖެހޭ ފަރާތްތަކަށް އެހީވުމަށް "ޕީއެމް ކެއާޒް ފަންޑް" ގެ ނަމުގައި މޯދީގެ ހާއްސަ ފަންޑެއް އިއުލާން ކުރެއްވީ އިންޑިއާއިން މި ބަލީގެ ފުރަތަމަ ކޭސްތައް ފެންނަން ފެށި ދުވަސްވަރުއެވެ. އެއީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ 1 ދުވަސް ފަހުން ދެން އިވުނީ، މިފަންޑަށް އިންޑިއާގެ ހުރިހާ ރައްޔިތުންވެސް ފައިސާ ހަދިޔާ ކުރުމަށް މޯދީ އެދިވަޑައިގެންނެވި އަޑެވެ.

އިސާހިތަކު ފައިސާގެ އެހީތައް އޮހެން ފެށިއެވެ. ހަފުތާއެއް ވީއިރު ގާތްގަނޑަކަށް 858 މިލިއަން ޑޮލަރު ޖަމާވިއެވެ. ބެލެވޭ ގޮތުގައި މި ފަންޑުގައި މިހާރު 100 ބިލިއަން ރުޕީޒްއަށް ވުރެ ގިނައިން ހުންނާނެއެވެ.

އަވަށްޓެރި އިންޑިއާގެ ވެރިރަށް ދިއްލީން ދަނީ ކޮވިޑް-19ގެ ސާޖަކަށް ތައްޔާރުވަމުން/ފޮޓޯ: އާރްއެފްއައި

ނަމަވެސް، ފަންޑު އުފެއްދުމާ ހިސާބުންވެސް ގިނަ ބަޔަކު ދިޔައީ މިކަމާ ސުވާލު އުފައްދަމުންނެވެ. އެހެނީ، 1948 ވަނަ އަހަރުން ފަށައިގެން އިންޑިއާގައި މި އުސޫލުން ބޭނުން ކުރަމުން އަންނަ ޕްރައިމް މިނިސްޓާ ނޭޝަނަލް ރިލީފް ފަންޑް އޮއްވާ، ދެވަނަ ފަންޑެއް އެކުލަވާލަން ޖެހުނު ސަބަބެއް ފަހުމް ނުވި ހިސާބުންނެވެ.

އިންޑިއާގެ މައި އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ސޯނިއާ ގާންދީ ވަނީ ޕީއެމްކެއާޒް ފަންޑަށް ޖަމާކުރާ ފައިސާއަކީ ޕްރައިމް މިނިސްޓާ ނޭޝަނަލް ރިލީފް ފަންޑަށް ޓްރާންސްފާ ކުރަންޖެހޭނެ ފައިސާ ކަމަށް ވިދާޅުވެފައެވެ. އަދި މި ފަންޑަކީ އިންޑިއާގައި ތިބި ހިޖުރަވެރިންގެ ހައްގަށް ޚަރަދު ކުރަންޖެހޭ އެއްޗަކަށް ހެދުމަށްވެސް ކޮންގްރެސް އިންވަނީ ގޮވާލާފައެވެ.

އިންޑިއާގެ ޗީފް މިނިސްޓަރުންނާ، 21 ސްޓޭޓާ ޔޫނިއަން ޓެރިޓަރީތަކުގެ އިސްވެރިންނާ އެކު ވީޑިއޯ ކޮންފަރެންސް މެދުވެރި ކުރައްވާ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ބައްދަލުކުރައްވަނީ/ފޮޓޯ: އޭއެންއައި

މިހާ ހިސާބުން އުފެދެން ފެށި ސުވާލަކީ އެ ފަންޑުން ފައިސާ ހަރަދުކުރާ އުސޫލަކީ ކޮބައިތޯއާއި، ހަރަދު ކުރަމުންދާ ގޮތުގެ ތަފްސީލަކީ ކޮބައިތޯ ކުރެވުނު ސުވާލެވެ. އަދާ ޖެހުނުއިރުވެސް މިކަމާ ބެހޭ މާ ބޮޑު ތަފްސީލެއް ނުލިބެއެވެ. މިއާއެކު އިންޑިއާ ސަރުކާރުން ކަމެއް ފޮރުވަނީތޯ ނޫސްވެރިންވެސް ސުވާލު ކުރަން ފަށައިފިއެވެ. މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުންވެސް މިކަން ސާފުކުރަން އުޅެ، ކާމިޔާބެއް އަދި ލިބޭ ގޮތް ނުވާކަމަށް މީޑިއާއިން ރިޕޯޓްކުރެއެވެ.

މޯދީގެ ސިޔާސީ ސަޕޯޓަރުން ގެންދަވަނީ އަމާޒު ކުރެވޭ ތުހުމަތުތަކުން މޯދީ ދިފާއު ކޮށްދެއްވަމުންނެވެ. އެގޮތުން 20 ބިލިއަން ރުޕީޒް ހަރަދުކުރަނީ ވެންޓިލޭޓަރު ގަތުމަށް ކަމަށާ، 10 ބިލިއަން ހަރަދު ކުރަނީ ހިޖުރަވެރިންނަށް ކަމަށާ، 1 ބިލިއަން ރުޕީޒް ރުޕީޒް ހަރަދު ކުރަނީ ވެކްސިން ތަރައްގީ ކުރުމަށް ކަމަށް އިންޑިއާގެ ކަމާވެހޭ ފަރާތްތަކުން މިހާރު ވަނީ ބުނެފައެވެ.

ނަމަވެސް މިވަރަކުން އަދި ފުދޭކަށް ނެތެވެ. ހިޖުރަވެރިންނަށް ހައްގުވާ މިންވަރަށްވުރެ ދޭ އެއްޗެއް ކުޑަ ކަމުގެ ވާހަކަ ފެންމަތިވިއެވެ. ވެންޓިލޭޓަރުތައް ގަންނަނީ ބިޑް ކުރުމަކާ ނުލާ ކަމަށްވާއިރު، މި ފަންޑުން ގަތް ވެންޓިލޭޓަރުތަކުގެ ކޮލިޓީއާއި މެދުވެސް ވަނީ ސުވާލުތަކެއް އުފެދިފައެވެ.