މައްސަލަތަކުގެ ތަފްސީލު، އެ މައްސަލައިގެ ކުރީކޮޅުގައި ހާމަ ނުކުރަނީ ތަހުގީގަށް ހުރަސް އެޅިދާނެތީ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސަސް އިން ބުނެފިއެވެ.
ފުލުހުން ބުނީ ފުލުހުންނަށް ހުށަހެޅޭ ހުރިހާ މައްސަލައެއްގައިވެސް ބަލަނީ ޖިނާއީ މިންގަނޑުން ހެއްކާއި ގަރީނާ ހުރިތޯ ކަމަށެވެ. އެއީ ތަހުގީގު ކުރާ ފަރާތްތައް ތަހުގީގުގެ އަލީގައި ނިންމާ ނިންމުންތަކެއް ކަމަށެވެ.
ތަހުގީގު ކުރުމުގައި ހިމެނޭ ކަންކަމާއި ގުޅިގެން މީޑިއާއިން ސުވާލު ކުރަމުން ގެންދާތީ ފުލުހުން ބުނީ އެ ކަންކަމުގެ މައުލޫމާތު ދެވެން އޮތް މިންވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށާއި މައްސަލަތަކުގެ ތަފްސީލު، އެ މައްސަލައިގެ ކުރީކޮޅުގައި ހާމަ ނުކުރަނީ ތަހުގީގަށް ހުރަސް އެޅިދާނެތީ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ ބަލަން ޖެހޭ ކަންކަން ބެލުމަށް ވަގުތު ހޭދަވާނެކަން ގަބޫލުކުރަން ޖެހޭނެ ކަމަށާއި ސަފާރީގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގެ މައުލޫމާތު ހާމަ ކުރުމުގައި ވަކި ތަފާތު ކުރުމެއް ނުގެންގުޅޭ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
މީގެ ކުރިން ފުލުހުން ބުނެފައި ވަނީ ސަފާރީގައި ރޭޕްކުރި ދެ މީހުން ހައްޔަރު ކޮށްފައި ވަނީ ކުށުގެ ވެށިން ކަމަށެވެ. ނަމަވެސް ހައްޔަރު ކުރި ދެ މީހުންގެ އެއްވެސް ޓެސްޓެއް ހެދިތޯއާ އަދި އަންހެން މީހާ ރޭޕް ކުރިތޯ ބަލަން ޓެސްޓް ހެދިތޯ އަހާ ސަފާރީ ރޭޕް ކޭސްއާ ގުޅިގެން ގިނަ ސުވަލުތަކެއް ނޫސްވެރިން ކުރުމާ ގުޅިގެންނެވެ.
ޖިންސީ ގޯނާގެ މައްސަލައެއްގައި ކުށުގެ ވެށިން ހައްޔަރުކުރި އެ ދެ މީހުން ދޫކޮށްލުމާއެކު ސޯޝަލް މީޑިއާގައި ގޯނާ ލިބުނު އަންހެން މީހާ، އެއްބަޔަކު ކުށްވެރި ކުރިއިރު އަނެއް ބަޔަކު ދިޔައީ އެކަން ކުރި މީހުންނާއި ސިޔާސީ ފަރާތްތަކާ ގުޅުވައި ގިނަ ތުހުމަތުތަކެއް ކުރުމުންނެވެ. އެއީ އެކަން ކުރުމުގައި އުޅުނީ ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރެއްގެ ފިރިކަލުން ކަމަށް ބުނެ ދެކެވެމުންދާ ވާހަކައާ ގުޅުވައިގެންނެވެ.
އެގޮތުން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދުގެ ފިރިކަލުންނާއި އާއިލީ އެހެން ފަރާތެއް ކަމަށް ބުނެ ވާހަކަތައް ފެތުރެމުން ދާއިރު، ޖީހާން އެކަމާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ފުލުހުން ބުނީ، އެ މީހުން ދޫކޮށްލާފައި ވީ ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށާއި، މައްސަލަތަކުގެ ތަހުގީގުގައި ކުރަން ޖެހޭ އެންމެހާ ކަންތައްތައް މިނިވަން ކަމާއެކު ތަހުގީގު ކުރާ ފަރާތްތަކުން ކުރަމުން ގެންދާނެ ކަމަށެވެ. އެ މައްސަލަ މިހާރު ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ބަލަން ފަށާފައެވެ.