މިއަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކަޝްމީރު ޑޮމިސައިލް ސެޓްފިކެޓް ދޫކުރި މީހުންގެ އަދަދު 25000 އަށްވުރެ މައްޗަށް އެރުމާއެކު، އަވަށްޓެރި އިންޑިއާގައި މުސްލިމުންނަށް މެޖޯރިޓީ އޮތް ހަމައެކަނި ސަރަހައްދުގެ ގޮތުގައި އޮތް ކަޝްމީރަށް އެ ޝަރަފު ގެއްލި ދާނެ ކަމުގެ ބިރު ބޮޑުވާން ފަށައިފިއެވެ.

ޑޮމިސައިލް ސެޓްފިކެޓަކީ، ކަޝްމީރުގެ ރަށްވެހިންނަށް ލިބިދޭ ހާއްސަ އިނާޔަތްތައް ލިއްބައިދޭ ލިއުމެކެވެ. މިއީ ރަށްވެހިކަން ދިނުން ފަދަ ކަމެކެވެ. މި ސެޓްފިކެޓް އޮންނަ މީހުންނަށް ކަޝްމީރު ސަރަހައްދުން ސަރުކާރުގެ ވަޒީފާތަކަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް ތަނަވަސްކޮށްދެއެވެ. މިއީ މިދިޔަ އަހަރުގެ ފަހުކޮޅާ ޖެހެންދެންވެސް ހަމައެކަނި ކަޝްމީރުގެ ރަށްވެހިންނަށް އޮތް ހައްގެކެވެ.

ކަޝްމީރުގެ ފޮޓޯ ޖާނަލިސްޓް މުނީބު އުލް-އިސްލާމް ނަގާފައިވާ ފޮޓޯއެއް/ފޮޓޯ: މުނީބު އުލް-އިސްލާމް

ހިންދޫ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ހިންދޫ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ބެއްލެވުމުގެ ދަށުން، އިންޑިއާގެ ގާނޫނަށް އަސާސީއަށް އިސްލާހުގެ ނަމުގައި ގެނައި ބަދަލާއެކު ކަޝްމީރުގެ ހަގީގީ ރަށްވެހިންގެ ހައްގުތަކަށް ވަނީ އިންތިހާއަށް އުނިކަން ލިބިފައެވެ. ކަޝްމީރުގެ މިނިވަންކަމާ އިސްތިގުލާލު ކަށަވަރުކޮށްދިން މާއްދާ 35 އުވާލުމާއެކު ކަޝްމީރުގެ ރަށްވެހިންނަށް އޮތް ހާއްސަ ހައްގުތައް ނުރައްކަލަށް ވެއްޓުނެވެ.

މި ނިންމުމަކީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިންގަމުންދާ ޖަރީމާތަކާ އެއްވަރު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިން އިންޓަނެޓް ކަނޑާލާފައި އޮންނަތާ 100 ދުވަސް ވުމުން ނޫސްވެރިންތަކެއް އިހުތިޖާޖު ކުރަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

މިއަހަރުގެ ނޮވެމްބަރު މަހު އެމެރިކާގައި އޮންނަ ރިޔާސީ ރޭހުގައި އިދިކޮޅު ޑިމޮކްރަޓުންގެ ފަރާތުން ނިކުންނަވާ ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ވަނީ ކަޝްމީރުގެ ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށް އިންޑިއާއަށް ގޮވާލައްވާފައެވެ. ބައިޑަންގެ ވެބްސައިޓްގައިވާ ސިޔާސަތު ބަޔާން ކުރާ ލިޔުމެއް ބުނާ ގޮތުގައި އަމިއްލަ ވަޒަނުގައި ކުރިމަތިކުރުވާ މިފަދަ ފިޔަވަޅުތަކަކީ ޑިމޮކްރަސީ ބަލިކަށި ކުރުވަނިވި ކަމެކެވެ.

ޑޮމިސައިލް ސެޓްފިކެޓް ދޫކުރުމުންދާކަން، އިންޑިއާގެ ސަރުކާރުން އިއުލާން ކުރީ ދުނިޔެ ދެކެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު އިންޑިއާ ލޮކްޑައުން ކޮށްފައިވާ އޮތް ދުވަސްވަރުއެވެ. އެއީ މިއަހަރުގެ އޭޕްރިލް މަހެވެ. އޭގެ ފަހުން، ކަޝްމީރުން ބޭރު އެތައް ބަޔަކު ވަނީ ޑޮމިސައިލް ސެޓްފިކެޓް ހޯދަން މަސައްކަތް ފަށާފައެވެ.

ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގެ ރައްޔިތުންތަކެއް އެ ޓެރިޓަރީގެ ބާޒާރު މަތީ ސަރަހައްދަކަށް ޖަމާވެފައި/ފޮޓޯ: ދާނިޝް ސިއްދީޤީ | ރޮއިޓާޒް

އާ ގާނޫނު ބުނާ ގޮތުގައި ކަޝްމީރު ސަރަހައްދުގައި އެންމެ 15 އަހަރު އުޅެފައިވާ މީހަކަށްވެސް މި ލިޔުމަށް އެދި ހުށަހެޅިދާނެއެވެ. ނުވަތަ ތައުލީމު ހާސިލު ކުރުމަށް މިސަރަހައްދުގައި 7 އަހަރު ހޭދަކުރި މީހަކަށްވެސް މި ލިޔުން ހޯދިދާނެއެވެ. ހަމައެކަނި ޝަރުތަކީ ގުރޭޑް 10 ނުވަތަ ގުރޭޑް 12 ނިންމާފައިވުމެވެ. މީގެ އިތުރުން، ކަޝްމީރު ސަރަހައްދުގައި، އިންޑިއާ ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި ހިދުމަތް ކުރި އެހެން ސަރަހައްދުތަކުގެ މީހުންގެ ދަރިންނަށްވެސް މި ލިޔުން ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮވެއެވެ. މިވަގުތު އެންމެ އިސް މަގާމުތަކުގައި ތިބި 66 އޮފިޝަލުންނަށް ބަލާއިރު، 38 މީހުން ނިސްބަތްވަނީ ކަޝްމީރުން ބޭރު ސަރަހައްދުތަކަށެވެ.

ކަޝްމީރު ސަރަހައްދުގައި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރަމުންދާ ކުރާމް ޕްރްވޭޒް ބުނީ، އިންޑިއާ ސަރުކާރުގެ މި ނިންމުމަކީ މުޅި ސަރަހައްދަށް އޮތް ގެއްލުންދެނިވި ނިންމުމެއް ކަމަށެވެ.

އަޟްޙާ ޢީދު ނަމާދުގެ އިންތިޒާރުގައި މަޑުކޮށްލައިގެން ތިބި ކަޝްމީރުގެ ރަށްވެހިންކޮޅެއް/ފޮޓޯ: ދާނިޝް ސިއްދީގީ

މީޑިއާގައި ނަން ނުޖެހުމަށް ޝަރުތުކޮށް އަނަދޯލޫ އޭޖެންސީއާއި ވާހަކަދެއްކި އިންޑިއާގެ އޮފިޝަލަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، މެއި 18 ވަނަ ދުވަހުން ފަށައިގެން 33000 މީހަކު ޑޮމިސައިލް ސެޓްފިކެޓް ހޯދަން ހުށަހެޅިއިރު، އޭގެ ތެރެއިން 25000 މީހަކަށް މިހާރު އެ ހައްގު ވަނީ ދޫކޮށްފައެވެ.

ކަޝްމީރަކީ 96.4 ޕަސެންޓް މުސްލިމުންގެ މެޖޯރިޓީ އޮތް ސަރަހައްދެއް ނަމަވެސް، އިންޑިއާ ސަރުކާރުން މިހާރު އަމަލު ކުރަމުންދާ ގޮތުން، ކަޝްމީރަށް މުސްލިމުންގެ މެޖޯރިޓީ ގެއްލުމުގެ ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ކަޝްމީރުގެ މައި ސިޓީ، ސްރީނަގަރުގައި ދިރިއުޅެމުން އަންނަ، އުމުރުން 29 އަހަރުގެ ބަދަރު-އަލް-އިސްލާމް ޝައިހް ސިފަކުރި ގޮތުގައި، ކަޝްމީރުގެ ރަށްވެހިން ނޫން މީހުންނަށް ޑޮމިސައިލް ސެޓްފިކެޓް ދޫކުރުމަކީ 'ނިމުމެއްގެ ފެށުމެވެ'. މި ނިމުމަކީ ކަޝްމީރުގެ ނިމުން ކަމަށާ، ފެށުމަކީ، ދެވަނަ ފަލަސްތީނު ބަދަލު ވުމުގެ ފެށުން ކަމަށްވެސް އޭނާ ވަނީ ސިފަކޮށްފައެވެ.