13 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބައްޕަ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ތަފާތު އެކިދުވަސް މަތިން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާ ކޮށްފައި ވާކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށައިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރު ކޮށްފައި ވަނީ ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 25 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ އާއި ގުޅިގެން ހައްޔަރު ކޮށްފައި ވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށް ގެންދިޔުމަށް 8 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ މައްސަލަ ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ދާއިރު، މި މަހު އަނެއްކާވެސް ޖިންސީ ގޯނާގެ މައްސަލަތައް އިތުރު ވެފައި ވާކަން ފާހަގަ ވެއެވެ. އެގޮތުން ހުޅުމާލޭ ކައިރީގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވަނީ ފެންމަތިވެފައި ވެފައެވެ.

އަދި ހަމަ އެހެންމެ ދާދި ފަހުން މާލޭ ގެސްޓްހައުސް އެއްގައި ވެސް ވަނީ 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކޮށްފައެވެ. 11 އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލާގެ ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެކުއްޖާ ރޭޕް ކޮށްފައި ވަނީ ކުއްޖާ ގްރޫމް ކޮށްގެން (އެކަމަށް ތައްޔާރު ކުރުވައިގެން ކަމަށް) އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.