އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ އެސްޓަން ވިލާއާ ވުލްވްސް ބައްދަލުކުރި މެޗު 1-0 އަކުން ވުލްވްސް ކާމިޔާބުކޮށް ގަދަ ހަތަރަކާ ގާތަށް ޖެހިލައިފިއެވެ.
އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ވުލްވްސްއަށް ކާމިޔާބުކޮށް ދިނީ އެޓީމަށް ކުޅޭ ބެލްޖިއަމްގެ މިޑްފީލްޑަރު ލިއެންޑާ ޑެންޑޮންކާއެވެ. މެޗުގެ 62 ވަނަ މިނެޓްގައި އޭނާ ޖެހި މި ލަނޑަކީ މުޅި މެޗުގައި ވެސް ވުލްވްސްއަށް ވިލާގެ ގޯލަށް ފޮނުވާލި ދެ ޝޮޓުގެ ތެރެއިން އެއް ޝޮޓެވެ.
މިރޭގެ މެޗުން މޮޅުވުމާއެކު މުޅި ސީޒަންގައި ވެސް ރަނގަޅު ކުޅުމެއް ދައްކަމުން އައި ވުލްވްސް މިވަނީ ސީޒަން މެދުކަނޑާލުމަށް ފަހު އަލުން ފެށި ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓް ހޯދާފައެވެ. އަދި މިރޭގެ މެޗުން މޮޅުވުމާއެކު އެޓީމަށް ލިބުނު ތިން ޕޮއިންޓާއެކު މިވަނީ ތާވާލުގެ ފަސްވަނައަށް ޖެހިލާފައެވެ. މިހާރު ތާވާލުގެ ހަތަރު ވަނައިގައި އޮތް ޗެލްސީއާ ވުލްވްސްއާ ދެމެދު އޮތީ ދެ ޕޮއިންޓްގެ ފަރަޤެވެ. އެހެން ނަމަވެސް ޗެލްސީ އަދި އިތުރަށް އެއް މެޗު ކުޅެން ޖެހެއެވެ.
މިރޭގެ މެޗުން ބަލިވުމާއެކު އެސްޓަން ވިލާ މިވަނީ ރެލިގޭޝަންއާ ގާތަށް ޖެހިލާފައެވެ. ލީގުގައި ވިލާ ކުޅެން ދެން ބާކީ ހަ މެޗު އޮތް އިރު އެޓީމުން އަދި ޗެމްޕިއަން ލިވަޕޫލް އަދި މެންޗެސްޓަރ ޔުނައިޓެޑާ ވެސް ކުޅެން ޖެހެއެވެ.