އުމުރުން 16 އަހަރުގެ ކުއްޖަކާ ރައްޓެހިވެ، އޮޅުވާލައިގެން މާލެ ގެނެސް އެ ކުއްޖާ އަށް ޖިންސީ ގޯނާކުރަނަން މަސައްކަތް ކުރި މީހަކަށް 4 ދައުވާ އުފުލާއިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ބ. ތުޅާދޫ/ ހިޔާވަހި އުނައިސް އަހުމަދު ވަނީ ޝަހުސު އޮޅުވާލައިގެން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ރައްޓެހިވެ، އެ ކުއްޖާގެ ބައްޕަގެ އަތުން މަކަރާ ހީލަތުން ފައިސާ ހޯދާފައި ކަމަށާއި އެކުއްޖާ ޑޮކްޓަރަށް ދައްކަން ކަމަށް ބުނެ މިދިޔަ މަހުގެ 27 ވަނަ ދުވަހު މާލެ ގެނެސް ޖިންސީ ގުޅުން ހިންގުމަށް ހިތްވަރުދީ ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ޕީޖީން ބުނެއެވެ.

އުނައިސްގެ މައްޗަށް ދައުވާކުރަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލް އުގޫބާތުގެ 312 ވަނަ މާއްދާގެ ދަށުން ޝަހްސު އޮޅުވާލުމުގެ ކުށުގެ ދައުވާ އާއި، ގާނޫނުލްއުގޫބާތުގެ 212 ވަނަ މާއްދާގެ ދަށުން މަކަރާއި ހީލަތްހެދުމުގެ ކުށުގެ ދައުވާގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 122 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާއެވެ.

އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ ކުއްޖަކު މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ 28 ވަނަ ދުވަހުގެ ފަތިހު 05:37 ހާއިރެވެ. އެ މައްސަލައިގައި ތުހުމަތު ކުރެވޭ އުނައިސް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު އެންގީ ހެކި ހުރެ އެއީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބޮޑެތި ކުށްތައް ބަޔާންކުރާ ލިސްޓުގައި ހިމެނޭ ކުށަކަށް ނުވާތީ ކަމަށް ބުނެއެވެ.

ނަމަވެސް ފަހުން ވަނީ އަލުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުލރު ކޮށްފައެވެ. އުނައިސްގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދައުވާތަކުގެ ތެރެއިން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށް ސާބިތުވެއްޖެ ވެއްޖެނަމަ 10-14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެއެވެ. ޝަހްސު އޮޅުވާލުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ ނުވް މަހާއި 18 ދުވަހުގެ ހުކުމެއް އަންނަ އިރު، މަކަރާއި ހީލަތް ހެދުމުގެ ދައުވާ އިން ވެސް ނުވަ މަހާއި 18 ދުވަހުގެ ހުކުމެއް އަންނާނެއެވެ. އަދި ކުޑަކުއްޖަކު އެކްސްޕްލޮއިޓް ކުރުމުގެ ދައުވާ ސާބިތިވެއްޖެ ނަމަ ތިން އަހަރުގެ ހުކުމެއް އަންނާނެއެވެ.