އދ ޗާޓަރަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި، މަލްޓިލޭޓަރަލިޒަމްއަށް ސަރުކާރުން އިސްކަންދޭނެކަމުގެ ޔަގީންކަން އަނެއްކާވެސް ދީފިއެވެ.

މިކަން އިއުލާން ކުރެއްވީ، އދގެ ޗާޓަރު އެކުލަވާލިވާ 75 އަހަރު ފުރުމުގެ މުނާސަބަތުގައި، މިނިސްޓާ އޮފް ފޮރިން އެފެއާޒް ދެއްވި ހާއްސަ މެސެޖެއްގައެވެ. މި މެސެޖުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ އދ ޗާޓަރުގެ ސަބަބުން ގައުމުތަކުގެ ކުޑަބޮޑު މިނަށް ބެލުމެއް ނެތި ހުރިހާ ގައުމުތަކަކަށް އެއް ހަމައެއްގައި އަޑުއުފުލުމުގެ ގާބިލްކަން ލިބިގެން ހިނގައްޖެ ކަމަށެވެ.

މިނިސްޓަރު ޝާހިދު ވަނީ، ދުނިޔެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާއި، ދެމެހެއްޓެނިވި ތަރައްގީއާއި ގުދުރަތީ ކާރިސާތައް ފަދަ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށް އދގެ މެމްބަރު ގައުމުތަކުން މަލްޓިލޭޓަރަލް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ގޮވާލައްވަފައެވެ.

އދގެ ޗާޓަރުގައި ސޮއިކުރެވުނީ 1945 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެމެރިކާގެ ސެންފްރެންސިސްކޯގައި ބޭއްވި ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން އިންޓަނޭޝަނަލް އޯގަނައިޒޭޝަން އަށް ފަހުއެވެ. އަދި ޗާޓަރަށް އަމަލުކުރަން ފެށީ 1945 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހެވެ. ޗާޓަރުގެ ދަށުން އދ އަށް މަތިކޮށްފައި ވަނީ ބައިނަލްއަގްވާމީ ސުލްހަ ބެލެހެއްޓުމާއި، އިޖްތިމާއީ ކުރިއެރުމަށް މަސައްކަތްކޮށް ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، ބައިނަލްއަގްވާމީ ގާނޫނުތައް ހަރުދަނާކޮށް، އިންސާނީ ހައްގުތައް ކުރިއެރުވުމަށެވެ.