އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅުން ހުރި 5 ފުލުހަކު މަސައްކަތުން އެކަހެރި ކޮށްފި ކަމަށް ފުލުސް އޮފީހުން ދާދި ދެންމެ ބުނެފިއެވެ.
ފުލުހުން ބުނީ، އެމްއެމްޕީއާރްސީ މައްސަލައާ ގުޅޭގޮތުން ހިންގަމުންދާ ތަހުގީގުގައި އެމްއެމްޕީއާރްސީ ގެ ފައިސާ ލިބިފައިވާ ކަމަށް ފާހަގަ ވެ، ފުލުހުންގެ މުއައްސަސާގައި މިވަގުތު ވަޒީފައިގައި ތިބި 5 މުވައްޒަފެއްގެ ޖިނާއީ އަދި އިދާރީ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެ 5 މީހުން މިހާރު ތިބީ މަސްއޫލިއްޔަތުން ދުރުކޮށްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މަހުގެ 9 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގެ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ ބަހުސް ކުރިއަށް ދިޔަ ވަގުތު މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ރައީސް މުހައްމަދު ނަޝީދު ވިދާލުވެފައި ވަނީ މަޖިލީހުގެ ސަލާމަތީ ކަންކަމާބެހޭ ކޮމިޓީން ފުލުހުންގެ ބައެއް ތަހުގީގުތައް ބަލަމުންދާ ކަމަށެވެ. އޭގެތެރޭގައި އެމްއެމްޕީއާރްސީގެ ވައްކަމުގެ ތަހުގީގު ބަލަމުންދާ ކަމަށާއި ފުލުސް އޮފީހުގައި އެމްއެމްޕީއާރްސީ ވައްކަމުގެ ތުހުމަތު ކުރެވޭ މީހުން އެބަތިބި ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ. އަދި އެފަރާތްތައް ސަސްޕެންޑް ކުރުމަށް ވެސް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ފުލުހުންގެ އޮފިސަރުންގެ މައްސަލަތައް ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އެ މުއައްސަސާގެ ވަޒީފާގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ އިދާރީ ތަހުގީގެއް ކުރައްވަމުން ގެންދަވާ ކަމަށް ސީޕީ ހަމީދު އޭރުވެސް ވިދާޅުވެފައި ވެއެވެ.
ކުރީގެ ސީޕީއަކާއި ކުރީގެ ޑީސީޕީއަކު ވަރަށް ގިނަ އަދަދަކަށް ތަފާތު އެކި ފަހަރު މަތިން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހޯއްދަވާފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގުތައް ވެސް ފުލުހުން ކުރިއަށް ގެންދާނެ ކަމަށް ސީޕީ އޭރު ވިދާޅުވެފައި ވެއެވެ. އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފުލުހުންގެ މުއައްސަސާގައި ތިބި އެކި ރޭންކުތަކުގެ މީހުން ހިމެނޭ ގޮތަށް ހިންގަވާނެ ކަމަށްވެސް އޭރު ސީޕީ ވިދާޅުވެފައި ވެއެވެ. ނަމަވެސް މިއިން އެއްވެސް ތަހުގީގެއް ކުރިއަށް ދާ ގޮތުގެ މައުލޫމާތެއް ހާމަ ނުކުރައްވާ މިއަދު އަނެއްކާވެސް ފުލުސް އޮފީހުން ބުނީ، 5 ފުލުހަކު އެކަހެރިކޮށް ތަހުގީގު ކުރާ ވާހާކައެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ލިބިފައި ނުވާ އިރު މި 5 ފުލުހުން ވަޒީފާއިން އެކަހެރި ކުރި އިރެއް އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށްވެސް ތުހުމަތުތައް އުފުލިފައިވާ އެމްއެމްޕީއާރުސީފެ ހިޔާނާތާ ގުޅިގެން މިވަގުތު ހުކުމެއް އައިސް ޖަލުގައި ހުންނެވީ އެ ހިޔާނާތުގައި ބައިވެރިވާކަމުގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.
18 އަދި 19 ވަނަ ރައްޔިރުންމެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ސިފައިންނާއި ބައެއް ފުލުހުންގެ އިތުރުން ސިޔާސީ އެކިއެކި ފަރާތްތަކާއި، ބައެއް އާންމުން ހިމެނޭނެ ހެން ޖުމްލަ 335 ފަރާތަކަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ނަފާ ލިބިފައިވާކަމަށް ތަހުގީގު ރިޕޯޓުތަކުގައި ބުނެފައި ހުއްޓެވެ. ނަމަވެސް އެމްއެންޕިއާރުސީ ހިޔާނާތާ ގުޅިގެން ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ސީދާގޮތުން ނަފާލިބުނު މީހުންގެ އަދަދު 267 އަށް އަރާ ކަމަށެވެ.
އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރަކާއި މިހާރުގެ މަޖިލީހުގެ 16 މެމްބަރަކާއި މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރަކާއި ކުރީގެ ސަރުކާރުތަކުގެ އިސް މަގާމުތަކުގައި އުޅުއްވި 30 ބޭފުޅަކާއި މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅަކާއި ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ ގޮތުން ފަސް ބޭފުޅަކާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ 7 އޮފިސަރަކު ހިމެނޭ ކަމަށެވެ.
ނަމަވެސް ތަހުގީގެއް ހިންގާ މިއަދާ ހަމައަށް ދައުވާއެއް ކޮށް 5 އަހަރުގެ ޖަލުހުމެއް އިއްވި ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ކަމަށް ވުމުން، ރައީސް ޔާމީނު ނިސްބަވްވެވަޑައިގަންނަވާ އިދިކޮޅު ކޯލިޝަނުން އަންނަނީ ކެނޑިނޭޅި ފާޑު ކިޔަމުންނެވެ. އެކަން އެހެން ހިނގަމުންދާތާ އެތައް ދުވަހެއް ވެފައި ވަނިކޮށް، އެވާހަކައަށް ބާރު ލިބެ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހިޔާލުފާޅު ކުރެއްވުމުން އެމްއެމްޕީއާރުސީގެ މައްސަލަ އަނެއްކާ ވައިގަ ހިފީއެވެ.
މެމްބަރުން ވަކިކުރޭ އެމްޑީޕީގެ ފައިސާ ނެގިމީހުން އެއީ ހެޔޮނިޔަތުގައިނަމަ
ޙެޔޮ ނިއަތުގައި ކުރާ ވައްކަން ހެޔޮނިޔަތުގައި މީހުންގެ މުޅަމަސް ކެއުން ދެބައޮދުވުން މިއީ ހަމަ އެކަކަނި އެމް ޑީ ޕީ މީހުންނަށް އެނގޭ ކަންކަން