ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ނެރެ 2023 ވަނަ އަހަރުގެ ރައީސް ކަމަށް ގެންނާނެ ކަމަށް ވިދާޅުވެއްޖެއެވެ.

މިރޭ ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު މ. ދިމްޔާތުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީޕީއެމަށް ޖަމީލު ސޮއި ކުރައްވާ ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ ރާއްޖެ އަށް ދިމާވެފައިވާ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލަކީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް ޔާމީން ވާދަކުރުމުގެ ފުރުސަތު ހޯދައި އަލުން ޕީޕީއެމް ވެރިކަމަށް ގެނައުން ކަމަށެވެ.

ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު ޖަލުގައި ހުންނެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ރާއްޖޭގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރެއްވި ކުރީގެ ރައީސް ޔާމީން ޖަލަށް ލުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ޖަމީލް ވިދާޅުވީ މިވަގުތު އިދިކޮޅު ކޯލިޝަންގެ ސިޔާސީ ހަރަތާކްތައް މިވަގުރު މަދުވެފައިވާ ނަމަވެސް ރައީސް ޔާމީން މިނިވަން ވުމާއެކު ފުރިހަމައަށް މިނިވަންކަން އިދިކޮޅު ކޯލިޝަނަށް ލިބޭނެ ކަމަށެވެ.

"ފުރިހަމަ ގޮތުގައި އަރާމު ކުރާނީ ރައީސް ޔާމީން މިނިވަން ކުރުމަށްފަހު"
ޖަމީލް

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމުގައި ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލާގެ ބައެއް އަޑުއެހުންތައް ހައި ކޯޓުން ކުރިއަށް ގެންދިޔަ ނަމަވެސް އެ މައްސަލަ ނިމުމަކާ ގާތަށް އަދި ނުދެއެވެ.