ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ.
މިރޭ ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު މ. ދިމްޔާތުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީޕީއެމަށް ޖަމީލު ސޮއި ކުރައްވާފައި ވާއިރު ޖަމީލަށް ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމުވެސް ވަނީ ދީފައެވެ.
ޕީޕީއެމާ ގުޅިވަޑައިގެން ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު ޖަލުގައި ހުންނެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ރާއްޖޭގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
"މިރޭ އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ އަސުރުމާ ކުލައިގެ ބަގީޗާއަށް އަލުން އައުމުގެ ފުރުސަތު ލިބުން" ޖަމީލް
މިއީ ޖަމީލް ޕީޕީއެމްއާ ގުޅިވަޑައިގެން ދެވަނަ ފަހަރެވެ. ހަމަ އެހެންމެ ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދާއި ރައީސް ވަހީދުގެ ސަރުކާރުގައިވެސް ޖަމީލް ވަނީ މިނިސްޓަރުކަން ކުރައްވާފައެވެ.
ކުރިން ޖަމީލު ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރެއްގެ ގޮތުގައެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ އޮފިޝަލް ވަޓްސްއެޕް ގްރޫޕުން ޖަމީލު ނުކުމެވަޑައިގެންފައި ވަނީ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހެވެ. އޭރު ދެން ޖަމީލު ގުޅިވަޑައިގަންނަވާނީ ޕީޕީއެމާ ކަމަށް ވެސް އަޑުތައް ވަނީ ފެތުރިފައިވާ ނަމަވެސް އެކަން އޭރު ޖަމީލު ވަނީ ދޮގު ކުރައްވާފައެވެ. ޖަމީލު ވިދާޅުވީ، ޕީޕީއެމަށް ސޮއިކުރައްވާނީ ކޮން އިރަކު ކިހިނެއް ކަމެއް ވިސްނަވާފައި ނުވާ ކަމަށެވެ.
ސާބަހޭ..