ސަނީނިއު ލެއިޒާއަކީ ޓެންޒޭނިއާގެ މައިން ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ މީހެކެވެ. މާ ފުޅާ ދާއިރާއެއްގައެއް ނޫނެވެ. ނަމަވެސް، މި މަސައްކަތުގެ ތެރޭގައި ދާދި ފަހުން އޭނާ ހޮވި 2 ޖަވާހިރަކާއެކު ލެއިޒާއަކީ މިހާރު މިލިއަނަރެކެވެ. އޭނާ ހޮވީ އާދައިގެ ޖަވާހިރެއް ނޫނެވެ. އިންތިހާއަށް މަދުން ނޫނީ ނުފެންނަ ޖަވާހިރެކެވެ. އޭގެވެސް ބޮޑު 2 ޖަވާހިރުގަނޑެކެވެ.

ލެއިޒާ ހޮވީ ޓެންޒެނައިޓް ނަމަކަށް ކިއާ 2 ޖަވާހިރުގަނޑެވެ. 2 ޖަވާހިރުގަނޑު އެއްކޮލުމުން ބަރުދަނުގައި 15 ކިލޯ ހަމަވެއެވެ. ޓެންޒޭނިއާގެ މައިންކުރުމާ ބެހޭ ވުޒާރާއަށް އެ ވިއްކާލައިގެން ލެއިޒާ ވަނީ 3.4 މިލިއަން ޑޮލަރު ހޯދާފައެވެ.

އެކި ކަހަލަ ގަހަނާ ހެދުމަށް ބޭނުން ކުރާ ޓެންޒެނައިޓް ޖަވާހިރަކީ ޓެންޒޭނިއާގެ އުތުރުގެ ސަރަހައްދުތަކުން ނޫނީ ނުފެންނަ ޖަވާހިރެކެވެ. މިއީ މުޅި ދުނިޔެއަށް ބަލާއިރުވެސް އިންތިހާއަށް ތަދު ބާވަތެކެވެ. ޖިއޮލޮޖިސްޓަކު ސިފަކުރި ގޮތުގައި، ކުރިއަށް 20 އަހަރެއްހާ ދުވަހުގެ ތެރޭގައި ޓެންޒެނައިޓްގެ ސަޕްލައި މުޅިން ހުސްވެދާނެއެވެ.

ފެހި، ރަތް، ދަނބު އަދި ނޫކުލައިން ހުންނަ މި ޖަވާހިރުގެ އަގު އުފުލިގެންދަނީ ސަޕްލައި މަދުވުމުގެ އިތުރުން ކުލައިގެ ސާފުކަމުގެ ސަބަބުންވެސްމެއެވެ.

ސަނީނިއު ލެއިޒާ، ނެގި ޖަވާހިރުތައް/ފޮޓޯ: އިންޑިއާ ޓުޑޭ

ލެއިޒާ ނެގީ 9.2 ކިލޯގްރާމްގެ ޖަވާހިރުގަނޑަކާ، 5.8 ކިލޯގްރާމްގެ ޖަވާހިރުގަނޑެކެވެ. މިހާތަނަށް ނަގާފައިވާ އެންމެ ބޮޑު ޓެންޒެނައިޓް ޖަވާހިރުގެ ބަރުދަނުގައި ހުރީ 3.3 ކިލޯގްރާމްއެވެ. އެހެންކަމުން، މިއީވެސް ލެއިޒާއަށް ލިބުނު ޝަރަފެކެވެ.

ލެއިޒާ ބުނީ، އޭނާއަށް ލިބުނު ފައިސާ އިންވެސްޓް ކުރާނީ މަންޔާރާގައި އޮންނަ ސިމަންޖީރޯ ޑިސްޓްރިކްޓްގައި ކަމަށެވެ. މަގުސަދަކީ ޝޮޕިންގް މޯލްއަކާ ސްކޫލެއް އަޅާ ދިނުން ކަމަށާ، އެއީ ސްކޫލަށް ދަރިން ފޮނުވޭނެ ތަނަވަސްކަން ނެތް މީހުންނަށް ހާއްސަ ސްކޫލެއް ކަންވެސް ލެއިޒާ ވަނީ ފާހަގަކޮށްފައެވެ.

ލެއިޒާ ބުނާ ގޮތުގައި އޭނާއަކީ ކިޔަވައިގެން ހުރި މީހެއް ނޫނެވެ. ނަމަވެސް އޭނާއަކީ 'ޕްރޮފެޝަނަލް' ކޮށް ކަންކަން ކުރަން ބޭނުންވާ މީހެކެވެ.

ލެއިޒާގެ މިލްކިއްޔާތުގައި މިހާރުވެސް އޭނާ ބަލަހައްޓަމުންދާ 2000 އެއްހާ ގެރި އެބައޮތެވެ. ކުރިއަށް އޮތް ތަނުގައިވެސް އޭނާ ކުރިއަށްދާނީ އެ މަސައްކަތުގައި ކަމަށާ، އަލަށް ލިބުނު ފައިސާއިން ދިރިއުޅުމަށް ބަދަލެއް ނާންނާނެ ކަންވެސް، 4 އަނބިން ހުންނަ ލެއިޒާ ވަނީ ހާމަކޮށްފައެވެ.