މިރޭ އިންގްލިޝް ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓަޑާ ޝެފީލްޑް ޔުނައިޑެޓް ބައްދަލުކުރި މެޗް 3-0 މެންޗެސްޓާ ޔުނައިޓެޑް ކާމިޔާބު ކޮށްފިއެވެ.

މި މެޗުގައި ޔުނައިޓެޑުން ޖެހި ތިން ލަނޑުވެސް ޖަހާފައިވަނީ އެޓީމަށް ކުޅޭ ފަރަންސޭސި ފޯވަޑް އެންތަނީ މާޝިއަލްއެވެ. މިއީ، ޔުނައިޓްގެ ޖާޒީގައި އޭނާ ހެދި ފުރަތަމަ ހެޓްރިކެވެ.

މެޗުގެ ހަތް ވަނަ މިނެޓްގައި އޭނާ ޖެހި ފުރަތަމަ ލަނޑަކީ މާކަސް ރަޝްފޯޑްގެ ކްރަސްއަކުން ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފް ނިމެން ދަނީކޮށް ވަން ބިސާކާ އިން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން މާޝިއަލް ޓީމަށް ދެ ލަނޑު ޖަހާދީ 2-0 ސްކޯލައިން ހެދިއެވެ. ތިން ވަނަ ލަނޑަކީ ވެސް ރަޝްފޯޑްގެ ބޯޅައެއް ގޯލަށް ޖަހާ ކާމިޔާބުކުރި ލަނޑެކެވެ.

މިރޭގެ މޮޅާއެކު މެންޗެސްޓާ މިވަނީ ތާވަލުގެ ހަތަރު ވަނައިގައި އޮތް ޗެލްސީއާ ދެ ޕޮއިންޓް ގާތަށް ޖެހިލާފައެވެ. ޗެލްސީ އަށް އިތުރަށް މެޗެއް ކުޅެން އޮތް އިރު އެޓީމު ދެން ބައްދަލުން ކުރަން ޖެހޭނީ ޗެމްޕިއަން ސިޓީއާއެވެ.

ސީޒަންގެ ކުރީކޮޅު މޮޅު ކުޅުމެއް ދައްކަމުން ދިޔަ ޝެފީލްޑް ޔުނައިޓެޑް މިވަނީ ޖެހިޖެހިގެން ދެ މެޗުން 3-0 ގެ ސްކޯލައިނަކުން ބަލިވެފައެވެ. މިރޭގެ މެޗުން ބަލިވި ނަމަވެސް އެޓީމު އަދި ވެސް އޮތީ ތާވާލުގެ އަށް ވަނައިގައެވެ.