ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިދިކޮޅާ ގުޅިވަޑައިގަތުމުން ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ލޯފުޅަށް ނިދިވެސް ނާންނަ" ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރާ 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރީގެ މައްސަލަ އެމްޑީޕީން އަނެއްކާ ވެސް ފެންމަތިކޮށްގެން އުޅެނީ ރައީސް ވަހީދު އިދިކޮޅުގެ ސިޔާސީ މަސައްކަތްތަކާ ގުޅިވަޑައިގަތުމުން އެކަމާ ބިރުން ކަމަށެވެ. އަދި ނަޝީދު އުޅުއްވަނީ އެކަމާ ލޯފުޅަށް ނިދި ނައިސްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"800 މިލިއަން ޑޮލަރުގެ ވާހަކައަކީ އެއީ އެމްޑީޕީން އުފަން ކުރި ވާހަކައެއް. ތީ އެއްވެސް ހަގީގަތެއް އޮތް ކަމެއް ނޫން."
އަބްދުއްރަހީމް އަބްދުﷲ

އަދުރޭ ވިދާޅުވީ، އެއީ އެމްޑީޕީން އުފަން ކުރި މައްސަލައެއް ކަމަށާއި އެ ޕާޓީގެ ވެރިކަމުގައި އެތައް ހަރަދެއް ކޮށްގެން ބޭރުގެ ބަޔަކާ ހަވާލު ކުރުމުން ވެސް އެއްވެސް ކަމެއް ނުހޯދުނު ކަމަށެވެ. މިހާރު އަނެއްކާ ވެސް އެ މައްސަލައިގެ ވާހަކަ ދައްކަނީ 800 މިލިއަން ޑޮލަރުގެ ވާހަކަ ދައްކައިގެން އެއިން ނަޝީދު "ވައްކަން ކުރެއްވުމުގެ" ބޭނުމުގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން، 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރީގެ ތުހުމަތު ޔާމީންގެ އިސްތަށިފުޅުގައި އޭރު ވެސް އެޅުވީ، އެމްޑީޕީގެ ވެރިކަމުގައި ހިންގި ކޮރަޕްޝަންތައް ފޮރުވުމަށް ކަމަށާއި، އެ މައްސަލަ ބެލުމަށް ފަހު، ނެރުނު ރިޕޯޓުތަކުގައި ކަން ހިނގި ގޮތް އެނގެން އޮންނާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޔާމީން އެސްޓީއޯގެ ޗެއާމަން ކަމުގައި ހުންނަވައިގެން 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއެއް ކުރެއްވި ކަމަށް އެމްޑީޕީން ކުރިން ތުހުމަތުކޮށް، އެ ޕާޓީގެ ވެރިކަމުގައި އެ މައްސަލަ ވަނީ ބަލާފައެވެ. އެކަމުގެ ރިޕޯޓް ވަހީދުގެ ވެރިކަމުގައި ފޮރުވި ކަމަށް ބުނެ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ފަލާހު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.

މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން މަޖިލީހުގައި ރައީސް ނަޝީދު ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައީ ތެލުގެ ވިޔަފާރިއާ ގުޅޭ ރިޕޯޓު ނެރެން އޮތް ދުވަހު ކަމަށެވެ.