މިމަހުގެ 5 ވަނަ ދުވަހު ސޯޝަލްމީޑިއާގައި ފިޓްނަސް އިންސްޓްރަކްޓަރު ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) އޭނާގެ އިންސްޓްގްރާމް ފޭނުންނަށް ދޭން ހުޅުވާލި އަގުބޮޑެތި ހަދިޔާތަކަށް ނަސީބުވެރިޔާ ހޮވާފައި ވާއިރު، އެ ނަސީބުވެރިއާ އަކީ އުޅޭ މީހެއް ނޫން ކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިއުމުން ސޯޝަލް މީޑިއާ ވަނީ ފުރާލާފައެވެ.
ގިވްއަވޭ އިއުލާން ކުރުމާއެކު ސޯޝަލް މީޑިއާގައި ދައުރުވާން ފެށީ ފާޒިލްގެ ޕޯސްތަކެވެ. ނަމަވެސް އޭގެ ދުވަަސްކޮޅެއްގެ ފަހުން އިނާމްތަކުގެ ގޮތުގައި ދޭން ނިންމި އަގުބޮޑު ހަދިޔާތަކުގެ ވާހަކަ ސޯޝަލް މީޑިއާގައި ދައުރުވާން ފެށިއެވެ. އެއަށް ފަހު 20 ވަނަ ދުވަހު ނަސީބުވެރިޔާ ހޮވުމުން އެ ނަސީބު ވެރިޔާ ހޮވި ގޮތާއި، އެ ނަސީބު ވެރިއާ އަކީ އަސްލެއް ނޫން "ފޭކް އައިޑީ" އެއް ކަމަށް ބުނެ މީހުންގެ ޝުއޫރުތައް ބަންޑުން ކޮށްލިއެވެ.
ކޮންމެ މީހަކުވެސް ސޯޝަލް މީޑިއާގައި ދައްކަނީ ދަނީ އެއްވާހަކައެކެވެ. އިނާމުތައް ލިބިނު ނަސީބުވެރިޔާ އައިޝަތު ޝަރުމީލާ "އައިޝް ޝަރޫ" އަކީ ކާކު ކަމެއް ނޭނގިގެން އުޅޭ ވާހަކައެވެ. އެއް ފަހަރު ދަތްދޮޅު ފެންނަ ފޮޓޯއެކެވެ. އަނެއް ފަހަރު ދުއާކުރަން އިން މީހެއްގެ ހިޔަންޏެކެވެ. ދެން ފެނުނީ އިސްތިރިނުކޮށް އޮތް މޫނު ބުރުގާއެއް އަޅައިގެން އިން މީހެއްގެ ކައިރީގައި ފާޒިލް އިންނަ ތަނެވެ. އަދި ޝަރުމީލާއަކީ އެއީ ކަމުގައި ބުނެއެވެ.
އިނާމްތައް އަސްލަކަށް ވިޔަސް އިނާމު ލިބުނު ނަސީބުވެރިޔާ އަސްލަކަށް ނުވި ވާހަކަ އާއެކު މޫނު ބުރުގާ އަޅައިގެން ޝަރުމީލާ އިނީ އާންމުކޮށް މޫނުބުރުގާ އަޅާ މީހުން ބުރުގާ އަޅާގޮތަކަށް ނޫނެވެ. ބުމަ ފެނެއެވެ. ބުރުގާ އޮތީ އިސްތިރި ނުކޮށެވެ.
ފާޒިލް ހަދިޔާގެ ގޮތުގައި ދީފައިވަނީ މެކްބުކް، މެޖިކް ކީބޯޑް 2، މެޖިކް ޓްރެކްޕެޑް 2، އެއާޕޮޑް، އައިފޯން އެކްސްއެސް މެކްސް 512 ޖީބީ، އައިފޯން ކަވާއެއް، ވިކްޓޯރިއާ ސީކްރެޓާއި ގޫސީ ފަދަ ތަންތަނުގެ ގިފްޓް ޕެކް ތަކެކެވެ. އެ ޕޯސްޓަށް 128،913 ކޮމެންޓް ކޮށްފައި ވާއިރު، 24،141 މީހުން ވަނީ ލައިކްސް ދީފައެވެ.
ފާޒިލްގެ ގިވްއަވޭ ލިބުނީ ކާކަށް ކަން ނޭނގިގެން ގިނަ ބައެއްގެ ފާޑުކިއުން ފާޒިލަށް އަމާޒުވުމުން ޝަރުމީލާ އާ ހަދިޔާތައް ހަވާލުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ރޭ ވަނީ އާއްމު ކޮށްފައެވެ. އެއާއެކު އޭނާ ބުނެފައި ވަނީ އޭނާ ޝަރުމީލާގެ ފޮޓޯތައް ހިއްސާ ނުކުރީ އޭނާގެ ނިންމުމަށް ކަމަށެވެ. ނަމަވެސް ކުރިމަތި ވި ފާޑުކިއުންތަކާ އެކު ހަދިޔާ ދޭ ވީޑިއޯތައް ލާ، އެންމެންވެސް ޝަރުމީލާގެ ނިންމުމަށް އިހުތިރާމު ކުރުމަށް ވަނީ އެދިފައެވެ.
އެ ވީޑިއޯގައި ފެންނަގޮތުން އެ ނަސީބުވެރިޔާ އައިޝް ޝަރޫއަކީ މޫނު އަޅިގެން އުޅޭ އަންހެނެކެވެ. 8 ސިކުންތުގެ އެ ވީޑިއޯގައި ފާޒިލް އާއި އެ ނަސީބުވެރިޔާ ވަހަކަ ދެއްކި ނަމަވެސް އޭގައި ދައްކާ ވާހަކަ އަޑެއް ނީވެއެވެ. އަޑު ކަނޑާލާފައިވާ ވީޑިއޯއެއް ފެންނަ ގޮތުގައި އިނާމް ތަކުގައި ނަސީބުވެރިޔާ އަތްލަމުން ދެއެވެ.
އެ ވީޑިއޯގައި އަޑު ނެތުމުގެ މައިގަނޑު ސަބަބަކީވެސް ކާކުކަން އަންގަން ބޭނުން ނުވުން ކަމަށް ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ފެތުރެމުންނެވެ.
އެއްބަޔަކު އެއީ ފޭކް އެކައުންޓެއް ކަމަށާއި އެއީ ފާޒިލްގެ "ފޭކް އެކައުންޓް" އެއް ކަމަށް ބުނަމުން ދާއިރު އަނެއް ބަޔަކު ބުނަމުން ދަނީ އެއީ އޭނާގެ އަވައްޓެރި އަދި ރައްޓެއްސެއް ކަމަށެވެ. އެއް ސަބަބަކީ އެ އެކައުންޓުން އެންމެ ދެ މީހުންނަށް ޓެގް ކޮށްފައި ވާއިރު، ބައެއް މީހުން 50 އަށް ވުރެ ގިނަ މީހުންނަށް ޓެގްކޮށްފައި ހުރުމުންނެވެ. އަނެއް ސަބަބަކީ ޝަރުމީލާގެ އެކައުންޓުން ޓެގް ކޮށްފައި ވަނީ މީހުންނަށް ނުވުމެވެ. އޭނާ ޓެގް ކޮށްފައި ވަނީ ދެ ޕޭޖަކަށް ކަމަށް ވުމެވެ. އަނެއްކޮޅުން އެ ބުނާ އަވައްޓެރިޔާގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، ދެ ފޮޓޯގައިވެސް ބެކްގްރައުންޑް ނުވަތަ ފަހަތުގައި ހުންނަ ފާރުގެ ޓެކްސްޗާ އެއް ގޮތެވެ.
މިފަދަ އެތައް ސުވާލެއް އެތައް ބަޔަކު ކުރަމުން ދާއިރު އަދިވެސް އެ މޫނު ބުރުގާގެ ފަހަތުގައިވާ އަސްލު މީހަކީ ކާކު ކަމާމެދު އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ޝަރުމީލާ ކަމަށް ބުނާ މީހާގެ މޫނު ފެންނަ ގޮތަށް ހަދާފައިވާ ވީޑިއޯވެސް މިހާރު ސޯޝަލްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ޝަރުމީލާގެ އަސްލު ހޯދަން މަސައްކަތް ކުރާ މީހުންނަށް އަސްލު ޝަރުމީލާ އަކީ ކާކުކަން އަދި އެނގޭނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރެއެވެ.