ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ލަގްޒަރީ ބްރޭންޑް ޖޯން ކީލްސް ހޯލްޑިންގް (ޖޭކޭއެޗް) އިން ސްރީލަންކާގައި އޮޕަރޭޓްކުރަމުންދާ ސުޕާމާކެޓް ޗޭނާ، ދިވެހިރާއްޖެއާއި ލަންކާގައި އޮޕަރޭޓްކުރާ ހޮޓަލްތައް އިތުރަށް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއަށް، ވޯލްޑް ބޭންކު ގުރޫޕުގެ މެމްބަރެއް ކަމަށްވާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)އިން 175 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ދިގު މުއްދަތުގެ އިންވެސްޓްމަންޓް ސްކީމެއްގެ ގޮތުގައި ހިންގާ މި މަޝްރޫއަކީ ފާއިތުވީ ބައި ގަރުނެއްހާ ދުވަހުގެ ތެރޭގައި އައިއެފްސީން ލަންކާގައި ހިންގާ އެންމެ ބިޔަ މަޝްރޫއެވެ. އަދި މިއީ ފާއިތުވީ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އައިއެފްސީން ރާއްޖޭގައި ކުރާ މިފަދަ ފުރަތަމަ އިންވެސްޓްމަންޓްވެސްމެއެވެ. އައިއެފްސީން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ މިއީ އެންމެ ފައިދާ ބޮޑު، ބިނާކުރަނިވި ގޮތެއްގައި އިންވެސްޓް ކުރުމުގެ 'ފްލެކްސިބިލިޓީ' ޖޭކޭއެޗްއަށް ދިނުމުގެ ގޮތުން ހިންގާ މަޝްރޫއެއް ކަމަށެވެ.

ޖޯން ކީލްސްއިން ހިންގާ ހޮޓަލާ ސުޕަމާކެޓްޗެއިން ފުޅާ ކުރުމަށް ހިންގާ އޮޕަރޭޝަންގެ ތެރެއިން، ކުރިއަށް އޮތް 5 އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެއެވެ. ފަތުރުވެރިކަމަކީ ދިވެހިރާއްޖެއާއި ސްރީލަންކާގެ މުހިންމު ސިނާއަތްތަކަށްވާއިރު، މިއީ މި ގައުމުތަކަށް މިވަގުތު އެންމެ ބޭނުން ޖެހިފައިވާ ވަޒީފާގެ ފުރުސަތުތައް ތަނަވަސްވުމުގެ އިތުރުން، ބޭރު ފައިސާގެ ދޮރުތައްވެސް ހުޅުވިގެންދާނެ އިންވެސްޓްމަންޓެއް ކަމަށް ބުނެވެއެވެ.

ޖޯން ކީލްސް ހޯލްޑިންގްއިން ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަނަ ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓް/ފޮޓޯ: ސިނަމަން ހޮޓެލްސް

އައިއެފްސީން ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖާ އަމީނާ އާރިފް ވިދާޅުވީ، ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި މިފަދަ މަޝްރޫއެއް ހިންގުމަކީ، ރާއްޖެއާއި ސްރީލަންކާގައި އިންވެސްޓު ކުރުމަށް ބޭރުގެ ފަރާތްތަކަށް ދެވޭ، އެދެވޭ މެސެޖެއްކަމަށެވެ.

ރާއްޖެއާއި ސްރީލަންކާގައި ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކުރުމުގެ ރޫޙުގައި އައިއެފްސީން ފޯރުކޮށްދޭ މި އިންވެސްޓްމަންޓަކީ، ޑިމާންޑް އިތުރުވަމުން އަންނަ 'ފެހި' ރިސޯޓް ކޮންސެޕްޓް ތަރައްގީ ކުރުމަށްވެސް އެހީވެދޭނެ މަޝްރޫއެއް ކަމަށް ބުނެވެއެވެ. އެގޮތުން މި އިންވެސްޓަމަންޓްގެ ދަށުން ޖޯން ކީލްސްއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އުމްރާނީ ބިނާވެށީގެ ތަރައްގީ ކުރިއަށް ގެންދާނީ، އައިފީސީގެ ގްރީން ބިލްޑިންގް އުސޫލާ އެއްގޮތަކަށް ކަމަށް ޚަބަރު ލިބެއެވެ.

ޖޯން ކީލްސްއަކީ ސްރީލަންކާގެ އެންމެ ބޮޑު ހޮޓެލް އޮޕަރޭޓަރެވެ. އެ ކުންފުނިން މިހާރުވެސް ރާއްޖޭގައި އޮޕަރޭޓްކުރާ ރިސޯޓްތަކުގެ ތެރޭގައި ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް، ސިނަމަން ދޮންވެލި މޯލްޑިވްސް އަދި އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަން ހިމެނެއެވެ.