ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ސެކްރެޓޭރިއެޓް އަކަށް ނަހުލާ އަލީ ހަމަޖެއްސި ވާހަކަ އޭނާ ދޮގުކޮށްފިއެވެ.

ނަހުލާ ކާށިދޫ ދާއިރާގެ ސެކްރެޓޭރިއެޓް އަކަށް ހަމަޖައްސާފައި ވާކަން ޖާބިރު ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ދަންނަވާފައެވެ.

ނަޝީދަށް ޖާބިރު ފޮނުއްވި ސިޓީގައި ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ ދަށުން ކޮންމެ މެމްބަރަކަށްވެސް އެ މެމްބަރެއްގެ ދާއިރާގެ މަަސައްކަތްތައް ކުރުމަށްޓަކައި މަޖްލިސް އިމާރާތުގެ މޭޒެއް ހަމަޖެހި، އެތަނުގައި މަސައްކަތް ކުރުމަށްޓަކައި ސެކްރެޓޭރިއެޓްއެއް ހަމަ ޖެއްސުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން ކާށިދޫ ދާއިރާގެ ސެކްރެޓޭރިއެޓެއްގެ ގޮތުގައި ނަހުލާ ހަމަ ޖައްސާފައިވާ ކަމަށެވެ.

ނަމަވެސް ނަހުލާ މިރޭ ވިދާޅުވީ އޭނާ އަށް ޖާބިރުގެ ފަރާތުން އެ ހުށަހެޅުއްވުން ލިބުނު ކަމަށެވެ. ނަމަވެސް އެ ހުށަހެޅުއްވުން އޭނާ ގަބޫލު ކޮށްފައި ނުވާނެ ކަމަށް ނަހުލާ ބުންޏެވެ.

ނަހުލާ ބުނީ އޭނާ އަކީ ޕީޕީއެމްގެ މެންބަރެއް ކަމަށާއި އަދި އޭނާ އަކީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ތާއީދު ކުރާ ސަޕޯޓަރެއް ކަމަށެވެ.

ޖާބިރު ޑީއާރްޕީ ހިންގަވަން ފެއްޓެވިއިރު ނަހުލާ އަކީ އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްއެވެ. ނަމަވެސް ފަހުން ނަހުލާ ވަނީ ޑީއާރްޕީ ދޫކޮށް ޕީޕީއެމް އަށް ސޮއިކޮށްފައެވެ.