މިހާތަނަށް ފަރުވާއެއް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެ، ފަރުވާ ހޯދައިގެން އެ ބަލިން ރަނގަޅުވާ މީހުންގެ ތެރެއިން 30 ޕަސެންޓް މީހުންނަކީ މި ބަލީގެ ސަބަބުން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް އެމީހުންގެ ފުއްޕާމެއަށް ލިބިފައިވުން އެކަށީގެންވާ ބައެއް ކަމަށާ، ފިޒިއޮލޮޖިކަލް ގޮތުންވެސް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް މި ބަލީގެ ސަބަބުން ކުރިމަތި ކުރުވަފާނެ ކަމަށް އިންޒާރުކޮށް، އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތް ސާވިސް (އެންއެޗްއެސް) އިން އެކުލަވާލި ރިޕޯޓެއް ލީކުވެފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.
އެންއެޗްއެސްއިން އެކުލަވާލާފައި ވާ ކަމަށް ބުނާ މި ރިޕޯޓަކީ ޑޮކްޓަރުންނާ ނަރުހުންވެސް ހިމެނޭ ގޮތަށް ސިއްހީ ހިދުމަތުގެ އެކި ގިންތީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފޮނުވާފައިވާ ރިޕޯޓެއް ކަމަށްވެސް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.
ކޮރޯނާވައިރަހުގެ އާއިލާއަށް ނިސްބަތްވާ ފުރާނައަށް ގެއްލުންދެނިވި އެހެން ވައިރަސްތައް، މިސާލަކަށް ސާސްއާއި މާސް ރޯގާއަކީ އެ ބަލިޖެހުމުގެ ސަބަބުން ދިގު މުއްދަތަކަށް ފުއްޕާމައަށް ގެއްލުން ދިނުމުގެ ފުރުސަތު އޮންނަ ބަލިތަކެއްކަން މިހާތަނަށް ވަނީ ދެނެގަނެވިފައެވެ. ކޮވިޑް-19އާ ގުޅިގެން އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތްކަމަށް ބުނާއިރު، މި ބަލި ދުނިޔެއަށް އާންމުވިތާ އަދި މިވީ 6 ވަރަކަށް މަސްދުވަހެވެ.
އެންއެޗްސްގެ އިރުޝާދު ބުނާ ގޮތުގައި ކޮވިޑް-19 ޖެހި ރަނގަޅުވާ މީހުންނަކީ ވަރުބަލިކަން އިހުސާސް ކުރަންޖެހުމުގެ ބަލިމަޑުކަމާވެސް ދިގުމުއްދަތަކަށް ކުރިމަތިލާންޖެހުމުގެ ފުރުސަތު އޮތް މީހުންނެވެ. ހަމަ މިއާއެކު ކޮވިޑް-19 ޖެހިގެން އިންޓެންސިވް ކެއާ ޔުނިޓްގައި ފަރުވާ ދިން ކޮންމެ 7 މީހަކުން 1 އަކީ، ދާއިމީ ގޮތެއްގައި ސިކުނޑިއަށް ގެއްލުންތަކެއް ލިބިފައިވާ ބަޔަކަށް ވުން އެކަށީގެންވާކަމަށް އެންއެޗްއެސްއިން ބުނެފައިވާކަމަށްވެސް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.
މިކަމާ ބެހޭ ގޮތުން އެންއެޗްއެސްއިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
މިހާތަނަށް ހަދާފައިވާ ބައެއް އެހެން ދިރާސާތަކަށް ބަލާއިރު، ކޮވިޑް-19ގެ ސަބަބުން ހަށިގަނޑޫގެ އެހެން ގުނަވަންތަކަށްވެސް ހަމަލާ އަމާޒުވެއެވެ. އެގޮތުން، ހިތާ، ލިވާ، ކިޑްނީ އަދި ލޭ ހޮޅިތަކަށްވެސް ނުރައްކާ ކުރިމަތިކުރުވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.