ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އާޅުއްވައިން ހުރި މާސްކު ކަމުނުގޮސްގެން ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (އިބްރޭ) ނިޒާމީ ނުކުތާއެއް ނަންގަވައިފިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ޖާބިރު، ރާއްޖޭގެ ތަފާސްހިސާބުގެ ބިލަށް ބަހުސް ކުރައްވަމުން ގެންދަވަނިކޮށް، ކެލާ ދާއިރާގެ މެންބަރު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ، ޖާބިރުގެ މާސްކަކީ މާސްކެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އިބްރޭ ވިދާޅުވީ، ޖާބިރު މާސްކު އަޅުއްވައިން ހުންނެވި ނަމަވެސް ނޭވާ ނޭފަތުން އެބަ ދާ ކަމަށާއި، ކައިރީގައި ތިއްބެވި މެންބަރުންނަށް ނުރައްކާ އޮތް ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. މިކަމާ ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޖާބިރު ކައިރީގައި ހުންނެވި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު އެހެން ގޮނޑިއަކަށް ބަދަލު ކުރައްވާފައެވެ.

ނަޝީދު ވިދާޅުވީ އިބްރޭގެ ނިޒާމީ ނުކުތާ ބަލައިގަންނަވާ ކަމަށާއި އެޗްޕީއޭގެ އިރުޝާދަށް ބަލާއިރު، އިންފެކްޓްވެފައިވާ މީހަކާ 3 ފޫޓު ކައިރީގައި މާސްކު ނާޅާ ހުރުމަކީ އެއީ އެ މީހެއްގެ ޕްރައިމަރީ ކޮންޓެކްޓަކަށް ވާނެ ކަމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހަގީގަތުގައި ޖީހާން ޕްރައިމަރީ ކޮންޓެކްޓަކަށް ނުވި ނަމަވެސް އޭނާގެ ގޮނޑި ބަދަލުކުރެއްވީ، އޭނާގެ ރައްކާތެރިކަން އިތުރަށް ޔަގީން ކޮށްލެއްވުމަށް ކަމަށެވެ.

މައިމޫނާ އަޅުގަނޑަށް 29 މިލިއަން ދަރާފަ އޮތީ، މައިމޫނާ މި ގައުމު ފުނޑާލައިފި، މި ނަންނަންތައް ވެސް އެބް ޖެހޭ ބަދަލު ކުރަން
ޖާބިރު

މިކަމާ ހިތްހަމަޖެހި ވަޑައިނުގެން ޖާބިރު ވިދާޅުވީ، އެޗްޕީއޭ ކިޔާ ތަނެއް އަދި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ކިޔާ މީހަކު ދެނެވަޑައިނުގަންނަވާ ކަމަށެވެ. އަދި މައިމޫނާ ވަނީ އޭނާއަށް 29 މިލިއަން ދަރާފައި ކަމަށް އޭނާ މި ގައުމު ފުނޑާލައިފި ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މިހެން ވިދާޅުވެފައިވާއިރު، މަޖިލިސް މެންބަރުންނަށް މަޖިލިސް ތަޅުމުގައި ޖަލްސާ ބޭއްވުމަށް ހުއްދަ ލިބުނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް ޝަރުތުކޮށެވެ. އެގޮތުން ކޮޮންމެ މެންބަރަކު ވެސް މާސްކު އަޅާ ތިން ފޫޓޫ ދުރުގައި ތިބުމަށް އެޗްޕީއޭން ވަނީ އިރުޝާދު ދީފައެވެ. އަދި މަޖިލީހަށް ވަނުމަށް ހުއްދަ ވެސް ލިބެނީ ހުން ބެލުމަށްފަހުއެވެ.

މީގެ އިތުރުން މަޖިލީހުގެ އިދާރީ މުވައްޒަފަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން މަޖިލީހުގެ 29 މުވައްޒަފަކު މިހަރު ވެސް ތިބީ ގޭގައި އެކަހެރިކޮށްފައެވެ.