ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ސަރުކާރުން ހައްލު ހޯދައިދިނުމަށް އެދި ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބަލައި ނުގަތުމަސް ނިންމައިފިއެވެ.
މި ކުއްލި މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް މަޖިލީހުގެ 1 މެންބަރު ވޯޓު ދެއްވިއިރު، 27 މެންބަރުން ވަނީ ބަހުސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. މި މައްސަލައަށް ބަހުސް ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ ޖާބިރު އެކަންޏެވެ.
ޖާބިރު ހުށަހަޅުއްވި ކުއްލި މައްސަލަ އަކީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އެކި ސިނާއަތްތަކުގައި މަސައްކަތް ކުރި ގިނަ ޒުވާނުންތަކެއްގެ ވަޒީފައި ގެއްލިފައިވާތީ، ސަރުކާރުން އެ ފަރާތްތަކަށް ހައްލެއް ހޯދައި ދިނުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.
ޖާބިރުގެ އެ މައްސަލައިގައި ދެ ކަމެއް ފާހަގަ ކުރައްވައިފައި ވެއެވެ. އެގޮތުން ފުރަތަމަ ކަމަކީ ވަޒީފައި ގެއްލިފައިވާ ފަރާތްތަކަށް ލިބިފައިވާ ގެއްލުން ތަކުން އަރައިގަނެވެންދެން ނުވަތަ ވަޒީފާ އަދާކޮށްގެން އާމްދަނީ އެއް ލިބެން ފެށުމާ ހަމައަށް އެ ފަރާތްތަކަށް ސަރުކާރުން އިނާޔަތް ދެމުން ގެންދިއުމެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ފަތުރުވެރި ކަމުގެ ސިނާއަތް ރިބައުންޑް ކުރުމަށް ބޭނުންވާ ތަކެތި ވަގުތުން ގާއިމް ކޮށްދިނުމަށާއި އެކަމަށްޓަކައި ބިއުރޯއެއް އުފައްދާ ރާއްޖޭގެ ރައްޔިތުންނަށް ކޮވިޑް-19އާ ގުޅިގެން ކުރިމަތި ވެފައިވާ ދަތިތައް ހައްލު ކޮށްދިނުމުގެ މަސައްކަތް ވަގުތުން ފެށުމެވެ.
ޖާބިރު ހުށަހަޅުއްވި ކުއްލި މައްސަލާގައި ބުނީ ރާއްޖޭގައި އެތައްހާސް ބައެއްގެ ވަޒީފާ ގެއްލިފައިވާ ކަމަށާއި ހާއްސަކޮށް ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތައް ފާހަގަ ކުރާ ކަމަށެވެ.
މީގެ އިތުން ޖާބިރު ހުށަހެޅުއްވި މައްސަލައިގައި ބުނީ ރާއްޖޭގެ ގިނަ ބައެއްގެ ވަޒީފާ ގެއްލުމަށް މެދުވެރިވި ސަބަބަކީ ކޮވިޑް19 އާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ދޯހަޅިކަމުގެ ސަބަބުން ކަމަށެވެ. ވަޒީފާ ގެއްލުނު ފަރާތްތައް އެ ހަލާތުން ސަލާމަތް ކޮށްދޭން ޖެހިފައިވާ ކަމަށާއި އެކުއްލި މައްސަލައަކީ ސަރުކާރާއި މަޖިލީސް އެކަމުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅުއްވާ ކުއްލި މައްސަލަ އެއް ކަމަށެވެ.