މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ލޮކްޑައުންއާ ގުޅިގެން ޖަނަވާރުތަކުގެ ދިރިއުޅުމަށް ބަދަލުތަކެއް އައިތޯ ބެލުމުގެ ދިރާސާއެއް ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ ތަޖުރިބާކާރުންގެ ޓީމަކުން އިސްނަގައިގެން ކުރިއަށް ގެންދާ މި ދިރާސާއަކީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަން ފެށި ލޮކްޑައުންގެ ކުރިންނާ ފަހުން، ޖަނަވާރުތަކުގެ ދިރިއުޅުމުގެ އާދަތައް ހުރި ގޮތް ބެލުމަށް ކުރިއަށް ގެންދާ ދިރާސާއެކެވެ.

އެގޮތުން އިންސާނުންގެ ހަރަކާތްތައް މުޅިންހެން ހުއްޓުމަކަށް އައި އައުމުގެ ސަބަބުން، ޖަނަވާރުތަކުގެ ދިރިއުޅުމަށް އެއްވެސް ވަރެއްގެ ބަދަލެއް އައިތޯ، މި ދިރާސާއިން ދެނެގަތުމަށް މަސައްކަތް ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މެކްސިކޯގައި އޮޕަރޭޓްކުރާ އެފްރިކާ ބައޯ ޒުލަށް އުފަންވި "ކަރަންޓީން" އަދި "ޕެންޑަމިކް" ޕޫމާތައް ދައްކާލަނީ/ފޮޓޯ: އޭއެފްޕީ

ޖަނަވާރުތަކުގެ ދިރުއުޅުން ހުންނަ ގޮތް ބެލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ފުޅާދާއިރާއެއްގައި ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ. ލޮކްޑައުންގެ ތެރޭގައިވެސް މިފަދަ ފަރާތްތަކުން ގިނަ މައުލޫމާތުތަކެއް އެއްކުރިއެވެ. މީގެ އިތުރުން ކޮވިޑް-19ގެ ހަރުކަށި ލޮކްޑައުންގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުން ވައިރަލް ވެގެންދިޔަ ތަސްވީރުތަކަށް ބަލާއިރުވެސް، މީގެ ކުރިން ފެނިފައި ނުވާ އެތައް މަންޒަރުތަކެއް ވަނީ ފެނިގެން ގޮސްފައެވެ.

މި ދިރާސާއަކީ ޖަނަވާރުންނާ އިންސާނުންވެސް އުޅެމުންދާ މި ދުނިޔެ، ދެ މަހުލޫގުންނަށް ހިއްސާވެވޭނެ އުސޫލެއް ދެނެގަތުމަށް އެހީވެދޭނެ ދިރާސާއެއް ކަމަށް ސައެންވެރިން ބުނެއެވެ.