ހައިކޯޓުން ފަހުން ކަނޑައަޅާފައިވާ އާ އުސޫލުގެ ދަށުން އަމަލު ކުރުމުގެ ގޮތުން، ކުޑަ ކުއްޖަކާ ބެހުނު މީހަކަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބުނު ނަމަވެސް ދޫކޮށްލަން ޖެހިއްޖެއެވެ.
ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުވާ މީހަކު ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ. ނަމަވެސް ކުށަކީ ބޮޑު ކުށަކަށް ނުވާތީ ބަންދުގައި އިތުރަށް ބެހެއްޓެން ނެތް ކަމަށާއި އޭނާގެ މައްޗަށް ކިތަންމެ ސީރިއަސް ތުހުމަތުތަކެއް ކުރެވުނު ނަމަވެސް ބަންދު އިތުރުކޮށް ދެވެން ނެތްކަމަށް ހައިކޯޓުގެ ހުކުމަށް ރިއާޔަތްކޮށް އެ އަމުރުގައި ބުނެއެވެ.
ޖިނާއީ ބޮޑު ކުށަކަށް ނުވާ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން އިތުރު ކުރިޔަސް، 15 ދުވަހަށް ވުރެ އިތުރަށް ބަންދުގައި ނުބެހެއްޓޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައި ވަނީ މި މަހުގެ ކުރީ ކޮޅެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ހައްޔަރު ކުރި އެ މީހާގެ ބަންދަށް އިތުރު ކުރި 15 ދުވަސް ހަމަވެގެން އަލުން ބަންދުގެ މުއްދަތު އިތުރު ކުރަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެ ކޯޓުން ނިންމައިފައި ވަނީ އޭނާ އިތުރަށް ބަންދުގައި ބެހެއްޓެން ނެތް ކަމަށެވެ.
އެހެންނަމަވެސް އަދިވެސް ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ފުރުސަތު އޮތް ކަމަށާއި އެކަމަށް އެދުމުގެ ފުރުސަތު ޕްރޮސިކިއުޓާ ޖެނަރަލްއަށް އޮންނާނެ ކަމަށް ކުރިމިނަލް ކޯޓުގެ އަމުރުގައި ފާހަގަކޮށްފައި ވެއެވެ. އެގޮތަށް ޕީޖީ ނޭދޭ ހާލަތުގައި އެ މާއްދާގެ ދަށުން ބަންދު ކުރުމަކީ ފަނޑިޔާރުގެ އިހްތިޔާރުގައިވާ ކަމެއް ނޫން ކަމަށް އެ އަމުރުގައި ބުނެފައި ވާއިރު، އެ މާއްދާގައިި ބުނަނީ ކޮމިޝަނާ އޮފް ޕޮލިސް ސިޓީއަކުން ޕްރޮސިކިއުޓާ ޖެނަރަލަށް، ކުޑަކުދިންނާ މެދު ޖިންސީ އަމަލު ހިންގާ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދެވިދާނެ ކަމަށެވެ. އަދި އެ އެދުމުގެ މަތިން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ވީއެންމެ އަވަހަކަށް ޕްރޮސިކިއުޓާ ޖެނަރަލް، އެމީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށް ދިނުމަށް ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ހައި ކޯޓުން މި މަހު ކުރީކޮޅު ކަނޑައަޅާފައި ވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ބ ގައި ބުނާގޮތުން ތުހުމަތެއް ކުރެވޭ މިންވަރުގެ ހެއްކެއް ނެތަސް، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ހެކި ނައްތާލަފާނެ ކަމަށް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ނުވަތަ ފިލާފާނެ ކަމަށް ނުވަތަ މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތްތަކުގައި 15 ދުވަހަށް ވުރެ އިތުރު ނުވާ ގޮތަށް ބަންދު ކުރެވިދާނެ ކަމަށެވެ. އެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ބަންދުގެ މުއްދަތުު އިތުރު ކުރެވޭނީ ޖިިނާއީ ބޮޑު ކުށްތަކުގައި ކަމަށް ބުނާއިރު، ބޮޑު ކުށެއްގެ ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ހިމަނައިފައެއް ނޯވެއެވެ.