ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ 3922 މީހަކު މި މަހު ފުރުވާލައިފިއެވެ.
އިމިގްރޭޝަނުން ބުނީ އިއްޔެ އެކަނި 325 ބިދޭސީން ފުރުވާލާފައިވާ ކަމަށެވެ. އެއީ އިންޑިއާގެ 169 މީހުންގެ އިތުރުން ނޭޕާލްގެ 156 މީހުން ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
ރާއްޖެއަކީ ގިނަ ބިދޭސީންތަކެއް މަސައްކަތް ކުރަމުން އަންނަ ގައުމަކަށް ވީ އިރު މިފަދަ ހާލަތެއްގައިވެސް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ގައުމަށް ފުރުވާލާފައެވެ. އޭގެތެރެއިން މިމަހު ބަންގްލަދޭޝްގެ 1065 މީހުން ވަނީ ފުރުވާލާފައެވެ. އަދި 21 އެޕްރީލް އިން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، ލިޔެކިޔުން ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބަންގްލަދޭޝް މީހުންގެ ތެރެއިން 2499 މީހަކު ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.
އެގޮތުން މިމަހު މިހާތަނަށް ގައުމަށް ފުރުވާލި ބިދޭސީންނީ
- 2 ޖޫން - ބަންގްލަދޭޝް 200 މީހުން
- 3 ޖޫން - އިންޑިއާގެ 171 މީހުން
- 4 ޖޫން - އިންޑިއާގެ 171 އަދި ޔޫރަޕްގެ 29 މީހުން
- 5 ޖޫން - ބަންގްލަދޭޝް 200 އަދި އިންޑިއާގެ 700 މީހުން
- 6 ޖޫން - ބަންގްލަދޭޝް 265 މީހުން
- 14 ޖޫން - އިންޑިއާގެ 171 މީހުން
- 16 ޖޫން - ބަންގްލަދޭޝް 200، އިންޑިއާގެ 156 އަދި ނޭޕާލްގެ 149 މީހުން
- 19 ޖޫން - ބަންގްލަދޭޝް 200، އަދި ނޭޕާލްގެ 156 މީހުން
- 20 ޖޫން - އިންޑިއާގެ 339 މީހުން
- 21 ޖޫން - އިންޑިއާގެ 198 އަދި ސްރީލަންކާގެ 292 މީހުން
- 22 ޖޫން - އިންޑިއާގެ 169 މީހަކާއި ނޭޕާލްގެ 156 މީހުން
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އިންޓަނޭޝަނަލް ދަތުރުތައް ހުއްޓާލާފައިވާ މި ދަނޑިވަޅުގައި ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ މީހުން ގައުމަށް ފޮނުވުމަށް ހާއްސަ ފްލައިޓުތައް ދަނީ ބާއްވަމުންނެވެ. އެގޮތުން މޯލްޑިވިއަންގެ ޗާޓަރު ދަތުރުތައް ބައެއް ގައުމުތަކަށް ކުރަމުން ދާއިރު، އެކި ގައުމުތަކުން ދަނީ ރާއްޖޭގައި ތިބި އެ ގައުމުގެ ރައްޔިތުން ގެންދިޔުމަށް ފްލައިޓުތައް ބާއްވަމުންނެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް 1500 މީހުން އެ ގައުމަށް އަނބުރާ ފޮނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފަހުން ސަރުކާރުން ވަނީ ކުރިޔަށް އޮތް ތިން މަސް ތެރޭގައި ބަންގްލަދޭޝްގެ 5000 ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށް ބުނެފައެވެ.