ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ހޯދައި ދީ ޖަލުން މިނިވަން ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އައްޔަނު ކުރުމަށް މިރޭ ޕީޕީއެމްގެ މައި އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ މިއީ އެކުގައި މަސައްކަތް ކުރަން ޖެހޭ ވަގުތު ކަމަށާއި ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު މިވަރުގެ ނުރައްކަލެއް ރާއްޖެއާ ކުރިމަތިވެފައި ނުވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ނުރައްކާތެރިކަން ދެމިގެން ދާނެ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަދުލުވެރި އިންސާފެއް ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ޑރ. ވަހީދު ވިދާޅުވިއެވެ.
އަދި މިއީ އަމިއްލަ ޖަޒުބާތާއި އަމިއްލަ އެދުންތައް ކުރިއަށް ނެރެންވީ ވަގުތެއް ނޫން ކަމަށާއި މިއީ ހަސަދަވެރިކަން ފާޅުކުރަންވީ ވަގުތެއް ވެސް ނޫން ކަމަށެވެ.
ވެރިކަން ކުރާ އެމްޑީޕީއަށް ފާޑު ވިދާޅުވަމުން ރައީސް ވަހީދު ވިދާޅުވީ ނަމުގެ ކުރިއަށް ޑިމޮކްރަސީ އައުމުން ޑިމޮކްރަޓިކް ޕާޓީއަކަށް ނުވާނެ ކަމަށާއި ޑިމޮކްރަޓިކް ޕާޓީއެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންނާއި އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ރައީސް ވަހީދު ވިދާޅުވިއެވެ. އަދި ރައީސް ވަހީދު ވިދާޅުވީ އިގުތިސޯދީ މަސައްކަތްތައް ވެސް ހަލުވިކަމާއި އެކު މިހާރު ކުރިއަށް ނުގެންދެވޭ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ދަތިތައް ކުރިމަތިވެގެން ދާނެކަންވެސް ރައީސް ވަހީދު ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ހުރި ތައުލީމާއި ތަޖުރިބާ ޕާޓީގެ މެންބަރުންނާ ހިއްސާ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.