ޓައިޓޭނިކް ހެން ރާއްޖެ އަޑިއަށް ދާއިރު ވެސް މިތިބެނީ ލަވަ ކިޔާލަ ކިޔާލާ ކަމަށް ކާށިދޫ ދާއިރަގެ މެންބަރު އަބދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު ވިދާޅުވީ، ޓައިޓޭނިކް ބޯޓު އަޑިއަށް ދިޔައިރު، އަޑިއަށްދާކަން އެނގިތިބެ ތިބީ ލަވަ ކިޔާލަ ކިޔާލާ ކަމަށާއި، މިހާރު ރާއްޖެ މިއޮތީ އެ ޕޮއިންޓަށް އައިސް ކަމަށެވެ. އެކަން ހައްލު ކުރުމަށް ކުރަން ޖެހޭ ފުރަތަމަ ކަމަކީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، މައިމޫނާ އަބޫބަކުރު ހައްޔަރުކުރުން ކަމަށާއި، އޭނާ ވަނީ ގާނޫނު އަސާސީ މުގުރާލާފައި ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރާއްޖެ ލޮކްޑައުން ކޮށްގެން މިއުޅެނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި، ރައްޔިތުން އެކަހަލަ ކަންކަމަށް ކިޔަމަންވެގެން ނުވާނެ ކަމަށެވެ. އަދި ލޮކްޑައުން އުވާނުލާ ލަސްވަނީ ކަމަށް ވާނަމަ ރައްޔިތުން މުޒާހަރާއަށް ނުކުމެދާނެ ކަމަށައި، ރައްޔިތުންގެ ބަނޑުފުރާނަމުއްތި ނުކުރެވެއްޏާ ގައުމުގެ ކަންކަން ދާނީ ގޯހުން ގޯހަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.

މައިމޫނާ ކިޔާ މީހަކަށް މުޅި ރާއްޖެ ކޮންޓްރޯލް ކުރުމުގެ ބާރު ދީގެން ނުވާނެ ކަމަށް ވިދާޅުވެ ޖާބިރު ވިދާޅުވީ، ރައްޔިތުން ތިބީ ބަަންދުކޮށްފައި ކަމަށެވެ. އެޗްޕީއޭ އިން އަޅަފައިވާ ފިޔަވަޅުތައް ދޫކޮށްލުމަށް ގޮވާލާ އޭނާ ވިދާޅުވީ ރާއްޖެ މިއީ ނޯމަލް ގައުމެއް ކަމަށާއި ވެގެން އުޅޭ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވެގެން އުޅޭ ގޮތެއް އިލްމީ ގޮތެއްގައި ޑޮކިއުމަންޓް ވެފަ ލިބެން ޖެހޭ ކަމަށް އޭނަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިވަގުތު އަޅުއްވަން ޖެހޭ އެންމެ މުހިންމު ފިޔަވަޅަކަށް ވާނީ ބެލެންސް އޮފް ޕޭމެންޓަ ހަމަޖެއްސުމާއި، ރިޒާވް ރަނގަޅު ކުރުމާއި، އުފެއްދުންތެރިކަން އިތުރު ކުރުން އަދި ދިވެހި ރައްޔިތުން މަސައްކަތަށް އަހުލުވެރި ކުރުވުމަށް، ވަގުތުން ވަގުތަށް ރާއްޖެގެ ބޯޑަރުތައް ހުޅުވާލުން ކަމަށެވެ.

ލަންބާތޯޅާ ވާހަކަ ދެއްކުމަކީ އަޅުގަނޑު ލައިކުވާ ކަމެއް ނޫން
ޖާބިރު

މީގެ އިތުރުން ޖާބިރު ވިދާޅުވީ އިގްތިސޯދީ ގޮތުން ތަންދޮރު ނުފިލާ މީހުން އެބަތިބި ކަމަށާއި އެމީހުންނާ ވާހަކަ ދައްކަން ޖެހޭ ކަމަށެވެ. އަދި މަޖިލީހުގެ ގޮނޑިތަކަށް ބަލާލާއިރު އިގްތިސޯދުގެ ހިސާބު ޖަހައިގެން ވާހަކަ ދައްކާ މެންބަރުން މަދު ކަމަށާއި ހިސާބު ޖަހައިން ވާހަކަ ދައްކަން ދަސްކުރަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، "ލަންބާތޯޅާ" ވާހަކަ ދެއްކުމަކީ އޭނާއަށް ކަމުދާ ކަމެއް ނޫން ކަމަށް ވިދާޅުވެ އޭނާ ވިދާޅުވީ، ހިތާމައަކީ ހުރިހާ ކަމެއް އެނގިތިބެ، ނޭނގޭ ކަމަށް ހަދާލާ "ލަންބާތޯޅާ" ވާހަކަ ދައްކާތީ ކަމަށެވެ.

ޗައިނާއާ ރާއްޖެއާ ދެތެރޭ އޮންނަންޖެހޭ ގުޅުން ހީނަރިވެފައި އޮތީ ކީއްވެގެންތޯ ވަގުތުން ވަގުތަށް ބެލުމަށް ޖާބިރު ވަނީ ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ، ޗައިނާ މާކެޓަށް ރާއްޖެ ހުޅުވާލަން ޖެހޭ ކަމަށާއި، މަސް ކާނީ ޗައިނާ މީހުން ކަމަށާއި، އެމީހުން މަސް ގަންނާނެ ކަމަށް ޖާބިރު ވިދާޅުވެއެވެ. އޭނާ ވިދާޅުވީ، އިންޑިއާ މީހުން މަހެއް ނުކާނެ ކަމަށާއި، ޗައިނާއިން ޓޫރިސްޓުން ގެންނަން ޖެހޭ ކަމަށެވެ.