އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ފިތުރު ޒަކާތް ބަހާފައި ވަނީ އޭގެ ހައްގުވެރިންނަށް ނޫން ކަމަށް ބުނެ ދައްކަވާފައިވާ ވާހަކަތައް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ދޮގުކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޒަކާތް ބަހާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ އެކުލަވާލައިފައި ވާ ލިސްޓަކަށް ކަމަށެވެ. އެ ލިސްޓަކީ އަޕްޑޭޓެޑް ލިސްޓެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޒަކާތް ދޫކުރާ ފަގީރުންގެ ލިސްޓު އެކުލަވައިލަނީ ރަށްރަށަށް ފޮނުވައި ފޯމުތަކެއް ފުރުމަށް ފަހުއެވެ. ނަމަވެސް މިއަހަރުގެ ރަމަޟާން މަސް އައިރު ހާލަތުގެ ގޮތުން އެގޮތަށް އެކަން ކުރެވެން ނެތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މި ހާލަތުގައި ހުރިހާ ރަށްރަށެއް ލޮކްޑައުން ކޮށްފައި އޮތުމުން ފޯމު ފުރައިގެން މިނިސްޓްރީއަށް ނުގެނެވޭނެ ކަމަށް ބަލައި ކުރިން އޮތް ލިސްޓަށް ދޫކުރީ. އެއީ އަޕްޑޭޓް ލިސްޓެއް ކަމަށް އަޅުގަނޑު ދެކެނީ."
ޒާހިރު

ޒަކާތް ބަހާފައި ވަނީ ހައްގުވެރިންނަށް ކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު މިދިޔަ އަހަރުގެ ލިސްޓަކަށް ބަލައިގެން ޒަކާތް ބެހި މައްސަލަ އިޖުތިމާއީ ކޮމެޓީން ވަނީ ބަލަން ފަށާފައެވެ.

މީގެއިތުރުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ އެކަމުގައި ކަންބޮޑުވުންފާޅު ކުރައްވާފައެވެ. އަދި ޒަކާތް ބަހަން ޖެހޭނީ އެއިރެއްގެ ހާލަތަކަށް ބެލުމަށްފަހު ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.