ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާ ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އަކަށް ބަރޯސާ ނުވެ އުޅެން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ، ރާއްޖޭގައި ސިޔާސީ ލީޑަރުންގެ ގޮތުގައި އުޅުއްވާ އެންމެން ކަހަލަ ގޮތަކަށް އެމްއެމްޕީއާރްސީ ހިޔާނާތުގެ ލިސްޓުގައި ނަން އެބައޮތް ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވުމާއި ގުޅިގެންނެވެ.
އެވާހަކަތަކައް ރައްދު ދެއްވައި ޖަމީލް ވިދާޅުވީ ސިޔާސީ ހަލަތަށް ފެތޭ ގޮތަށް އަމަލު ކުރާ ޕީޖީ އަކަށް ބަރޯސާ ނުކޮށް އެހެން މުއައްސަސާތައް ހަރަކާތްތެރި ވާން ޖެހޭ ކަމަށެވެ. އަދި އެމްއެމްޕީއާރްސީ މައްސަލަ ކިތަންމެ ގިނަ ނަމަވެސް ކުރީގެ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހުންނެވީ ގޭގައި ކަމަށްވެސް ޑރ. ޖަމީލް ވަނީ ފާހަގަ ކުރައްވާފައެވެ.
އެއީ އިންސާފު ގާއިމް ކުރުމުގެ ހަމަތޯ ނުވަތަ އިންސާފަކީ ވަކި ބައެއްގެ ކިބައިން ބަދަލު ހިފުންތޯ ޑރ. ޖަމީލް ވަނީ ސުވާލު ކުރައްވާފައެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ހިޔާނާތުގެ ލިސްޓުގައި 260 އެއްހާ މީހުން ތިބި ކަމަށެވެ. ނަމަވެސް އެ ހުރިހާ ފަރާތްތަކަކީ ޕީޖީން ދައުވާކުރާނެ މީހުންނެއް ނޫން ކަމަށާއި އޭގެތެރޭގައި ރަނގަޅު މުއާމަލާތްތަކެއް ކޮށްފައިވާ މީހުންވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެމީހުންނަށް ފިޔަވަޅު އެޅުމުގެ ވިސްނުމެއް ނެތް ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.
ޕީޖީ ޝަމީމް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ޒިންމާއަކީ އެ ލިސްޓުގައި ތިބި ބޭފުޅުން އެމްއެމްޕީއާރްސީ އާ އެކުގައި ހިންގާފައިވާ މުއާމަލާތަކީ ސައްހަ ނުވަތަ ގޯސް މުއާމަލާތެއްތޯ ބެލުމަށް ފަހު އެ ލިސްޓު ސާފު ކުރުން ކަމަށާއި އެމްއެމްޕީއާރްސީގެ ހިޔާނާތް ރާވާ ހިންގުމުގައި އެންމެ އިސްކޮށް ތިއްބެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ޖަމީލު ރަންކޮޅާ ސިޔާސީ ދާއިރާއިން މަނިކުފާނު ދުރަށްދާވެއްޖެނޫން މަނިކުފާނު ދައްކާވާހަ އަނޑުއަހާނެ މީހަކު މިގައުމުގައިނެތްކަންއެގޭނޫންތޯ