އިރު ކޭތަ ހިފަފައިވަ މަންޒަރު ބެލުމަށް ހުރަހެއް ނެތި އިރަށް ނުބެލުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް މައުމޫން ވަނީ ހުރަހެއް ނެތި، ސީދާ އިރަށް ބަލާނަމަ، ލޮލަށް ދާއިމީ ގެއްލުމެއް ލިބިދާނެ ކަމުގެ އިނޒާރުވެސް ދެއްވާފައެވެ. އަދި ކޭތަ ބެލުމަށް އެންމެ ރަނގަޅު ވާނީ އެކްސްރޭ ފަދަ ހުރަހެއް ބޭނުނންކޮށްގެން ނުވަތަ އެކަމަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ އައިނެއް އަޅައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މައުމޫން މިހެން ވިދާޅުވެފައިވާއިރު، އެނިޔުލާ އެކްލިޕްސެއް ނުވަތަ އިރުގެ އަނގޮޓި ކޭތަ މިހާރު ރާއްޖެއަށް ފެންނާނެއެވެ.

އިރުން އަންނަ ގަދަ އައްޔަކީ ބަލަން އުނދަގޫ އައްޔަކަށް ވުމުގެ އިތުރުން، އެއީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ ނުލާ ސީދާ ބަލައިފިނަމަ ލޮލަށް ގެއްލުންތަކެއްވެސް ދޭ ވަރުގެ ގަދަ އައްޔެކެވެ. ރައްކާތެރި ކަމުގެ ފިޔަވަޅު ނާޅާ އިރަށް ބަލައިފިނަމަ ވަގުތީ ގޮތުން ހިނދު ކޮޅަކަށް ނަމަވެސް ލޯ އަނދިރިވެއެވެ. ބައެއް ފަހަރު މިއީ ދާއިމީ ކަމަކަށްވެސް ވެއެވެ.

ކޭތަ ބަލަން ގެންގުޅޭ އައިނަކީ ރަނގަޅު ފިލްޓަރެއް ހަރުކޮށްފައިވާ އައިނެއްކަން ކަށަވަރު ކުރަންޖެހެއެވެ. އެގޮތުން ކޭތަ ބަލާ އައިނަކީ އައިއެސްއޯ 12312-2ގެ މިންގަނޑަށް ފެތޭ އައިނެއްތޯ ކަށަވަރު ކުރަން ވާނެއެވެ. އަތުގައި އޮތް އައިނަކީ ރައްކާތެރި އައިނެއްތޯ ކަށަވަރު ކުރުމަށްޓަކައި، އެ ފިލްޓަރުން ބަލާލުމުން ގޭގައި ހުންނަ އާދައިގެ އަލިތައް އެ ފިލްޓަރުން ފެންނަ ނަމަ އެއީ އެއްވެސް ހާލެއްގައި އިރަށް ބަލަން ބޭނުން ކުރަން ހެޔޮވާނެ އައިނެއް ނޫނެވެ.

ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މާލެއަށް ފެންނާނީ ފަޅި ކޭތައެކެވެ. މާލެއަށް ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން ހެނދުނު 09:38 ގައެވެ. ކޭތަ އެންމެ ފުރިހަމަވެފައި ހުންނާނީ 10:51 ގައެވެ. 2 ގަޑިއިރާ 36 މިނެޓަށް ކޭތަ ފެންނަން ހުންނައިރު، ކޭތަ ވީއްލާ ނިމޭނީ މެންދުރު 12:14ގައި ކަމަށް ލަފާކުރެވެއެވެ.

ކުޅުއްދުއްފުށްޓަށް ކޭތަ ހިފަން ފަށާނީ 09:33 ގައެވެ. 10:52 ގައި ކޭތަ ފުރިހަމަ ވެފައި ހުންނައިރު ކޭތަ ވީއްލާ ނިމޭނީ 12:24 ގައި ކަމަށް ލަފާކުރެވެއެވެ. އައްޑޫ ސިޓީއަށް ކޭތަ ހިފަން ފަށާނީ 09:50 ގައެވެ. ކޭތަ އެންމެ ފުރިހަމަ ވެފައި ހުއްޓާ ފެންނާނީ 10:44 ގައެވެ. އަދި ކޭތަ ވީއްލާ ނިމެނީ 11:44 ގައި ކަމަށް ލަފާކުރެވެއެވެ.

އިސްލާމިކް މިނިސްޓްރީން މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ކޭތަ ނަމާދު ކުރުމަށް ނިންމާފައެވެ. ކޭތަ ނަމާދު ކުރަން ހަމަޖެހިފައިވަނީ މިއަދު ހެނދުނު 10:30 ގައެވެ.