ދުނިޔޭގެ ކަނޑުގެ ސަރަހައްދުގެ އެންމެ ފުން ސަތަހައަށް ފީނީ މީހުންނަށްވުރެ ހަނދުގައި ހިނގާލި އިންސާނުންގެ އަދަދު ގިނަ ކަމަށް ޒަމާނުއްސުރެ ބުނެއެވެ. ނަމަވެސް އެކަން މިއަދު މިއޮތީ ބަދަލުވެފައެވެ.

ކަނޑުގެ ސަތަހައިގެ ދިރާސާތައް ކުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ތަޖުރިބާކާރު ޑައިވަރު ޑޮން ވޯލްޝްގެ ފިރިހެން ދަރިފުޅު، ކެލީ ވޯލްޝް މިވަނީ، މެރިއާނާ ޓްރެންޗްގެ އެންމެ ފުން ސަރަހައްދުތަކަށް ފީނާފައެވެ. އެއީ ޕިސިފިކް ކަނޑުގެ ސަރަހައްދުގެ، 11 ކިލޯމީޓަރު ފުން ސަރަހައްދެކެވެ.

ކެލީ، މި އާދަޔާ ހިލާފު ޑައިވް ކޮށްފައި މިވަނީ، އޭނާގެ ބައްޕަ ޑޮންގެ ތަރީހީ ޑައިވްއަށް 60 އަހަރުވި ފަހުންނެވެ.

އުމުރުން 52 އަހަރުގެ ކެލީގެ ޑައިވްއާއެކު މެރިއާނާ ޓްރެންޗްގެ ސަތަހައަށް ފީނި މީހުންގެ އަދަދު މިވަނީ 12 އަށް އަރާފައެވެ. މިއީ އެމެރިކާގެ ޖައްވީ މިޝަން "އެޕޯލޯ"ގައި، ހަނދުގައި ހިނގާލި ޖައްވީ ފަޅުވެރިންގެ އަދަދުވެސްމެއެވެ.

12 ގަޑިއިރަށް ކުރިއަށްދިޔަ ޑައިވްގައި ކެލީ ވަނީ ގާތްގަނޑަކަށް 10925 މީޓަރު ފުނަށް ފީނާފައެވެ.

ދުނިޔޭގެ އެންމެ ކަނޑުގެ ސަތަހައިގެ އެންމެ ފުން ސަރަހައްދުތަކުގެ ލިސްޓުގެވެސް އެންމެ ކުރިން ޖާގަ ހޯދަމުން އަންނަ މެރިއާނާ ޓްރެންޗަށް ކެލީ ފީނާފައިވަނީ ވިކްޓާ ވެސްކޯވޯގެ ސަބްމާސިބަލްގައެވެ. މި ސަބްމާސިބަލްއަކީ ކަނޑުގެ ސަތަހައިގެ އެންމެ ފުން ސަރަހައްދުތަކަށް ޑައިވަރުން އުފުލާ އުޅަނދެކެވެ. އެންމެ ފަހުން މި އުޅަނދު ބޭނުންކުރި މަޝްހޫރު ފަރާތްތަކުގެ ތެރޭގައި، އެމެރިކާގެ ޖައްވީ އިދާރާ (ނާސާ)ގެ އަންހެން އެސްޓްރޮނޯޓް ކޭތީ ސަލިވާން އަދި ފަރުބަދަތަކަށް އެރުމުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ވެނޭސާ އޯ'ބްރާޔަންގެ ނަން ފާހަގަކުރަންޖެހެއެވެ.

މި ހުރިހާ އެންމެންގެ ތެރެއިންވެސް ކެލީ ވޯލްޝްގެ ނަން ހާއްސަ ވަނީ، އޭނާގެ ބައްޕަ ޑޮން އަކީ، ދުނިޔޭގެ އެންމެ ފުންގަނޑު އެންމެ ފުން ސަރަހައްދަށް ޑައިވްކުރި ފުރަތަމަ މީހާއަށް ވީތީއެވެ. އެއީ 1960 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހުއެވެ. ސުވިޓްޒަލަންޑްގެ ރައްޔިތަކާއެކު ޑޮން، މި ސަރަހައްދަށް ޑައިވްކުރިއިރު އޭނާއަކީ އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާގެ އޮފިސަރަކެވެ.

ދުނިޔޭގެ ކަނޑުގެ ސަތަހައިގެ އެންމެ ފުނަށް އެންމެ ފުރަތަމަ ފީނީ ޑޮން ވޯލްޝް (ކަނާތް ފަރާތުން ތިރީގަ)، އަދި އޭނާ ޑައިވް ކުރި މިޝަން/ފޮޓޯ: ނޯއާ

މެރިއާނާ ޓްރެންޗަށް ކުރާ ޑައިވްތައް ހާއްސަ ވަނީ އެ ސަރަހައްދުގެ ފުން ކަމުންބެވެ. ފުން ބަޔާން ކޮށްދޭނަމަ، ދުނިޔޭގެ ބިމުގެ ސަތަހައިން ފެށިގެން އެންމެ އުހަ ހެދިފައިވާ މައުންޓް އެވަރެސްޓް ފަރުބަދަ، މެރިއާނާ ޓްރެންޗަށް ފައްތާލުމުންވެސް، އެ ފަރުބަދައިގެ އެންމެ އުސް ހިސާބުން ފެށިގެން އަދި 2 ކިލޯމީޓަރު މައްޗަށް ލޮނުގަނޑު އޮންނާނެ ކަމަށް ބުނެއެވެ.

ވެސްކޯވޯއާއިއެކު ކެލީވެސް ޑައިވް ކުރީ، ޑޮން ވޯލްޝްގެ ތާރީހީ ދަތުރުގައި އޭނާ ދިޔަ 'ވެސްޓާން ޕޫލް' އޭ ކިޔުނު ސަރަހައްދަށެވެ. މިއީ ޑޮން ވޯލްޝްގެ ދަތުރަށްފަހު، މި ސަރަހައްދަށް އިންސާނަކު ދަތުރުކުރި ފުރަތަމަ ފަހަރުވެސްމެއެވެ.