އެމްއެމްޕީއާރްސީ ހިޔާނާތުގައި މި ސަރުކާރުގެ އިސްވެރިން ވެސް ހިމެނޭތީ އެ މައްސަލަ މި ސަރުކާރަށް ނުބެލޭނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލަ މި ސަރުކާރަށް ނުބެލޭނެ ކަމަށާއި މި ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީގެ މަޖިލިސް މެންބަރުން އެ ކޮރަޕްޝަނުގައި ހިމެނޭ ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖަލުން ސަލާމަތް ކުރުމަށާއި މި ސަރުކާރު ވެރިކަމަށް ގެންނަން ވެސް ހިޔާނާތުގެ ފައިސާ ބޭނުން ކުރި ކަމަށް އާންމުން ތުހުމަތު ކުރާ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

ހަމަ އެއާއެކު ކޮރަޕްޝަނަށް "ޒީރޯ ޓޮލަރަންސް" ވަނީ ފެއިލްވެފައި ކަމަށްވެސް ޝަރީޕް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވި އިރު އެމްއެމްޕީއާރްސީގެ ހިޔާނާތް ރާވައި ހިންގުމުގައި އެންމެ އިސްކޮށް ތިއްބެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މިހާރުގެ ބަހުން ދަންނަވާނަމަ މި މައްސަލާގައި އިތުރު "ކްލަސްޓާއެއް" ވެސް ފެނިފައިވާ ކަމަށެވެ. އޭގެތެރެއިން އެއްބަޔަކީ ލޯ އެންފޯސްމަންޓުގެ ބޭފުޅުން ކަމަށާއި އޭގެތެރޭގައި ޝަރުއީ ދާއިރާގެ ބޭފުޅުންނާއި ފުލުހުންނާއި ސިފައިންވެސް ހިމެނޭ ކަމަށެވެ. އެ މައްސަލަތައް ވެސް ތަހުގީގު ކުރަމުން ގެންދަވާ ކަމަށާއި މަސައްކަތް ކުރަމުން ގެނދަވަނީ އެ މައްސަލަތަކުގެ ތަހުގީގުވެސް ވީހާވެސް އަވަހަށް ނިންމާލެވޭތޯ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ މައްސަލައަކީ ރިޔާސީ އިންތިހާބުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުން ގާތު އިންސާފުވެރި ތަހުގީގެއް ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ މައްސަލައެކެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް ވެސް ވަނީ އުފައްދަވާފައެވެ. ނަމަވެސް އެ ކޮމިޝަނުގެ މަސައްކަތުގެ ސްޕީޑު ލަސް ކަމަށް ބުނެ ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ