ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިންއެއް ލިބުން އޮތީ އަތެއް މަހެއް ދުރުގައެވެ. ނަމަވެސް އެމެރިކާގެ ދިރާސާ ޓީމަކުން ބުނާ ގޮތުގައި، މިހާރުވެސް ބާޒާރުން ލިބެން ހުރި ވެކްސިންއެއްގެ އެހީގައި، ކޮވިޑް-19ގެ އިންފެކްޝަންގެ އެންމެ ނުބައި އަސަރުތަކުން ދިފާއުވުމުގެ ފުރުސަތު އެބައޮތެވެ.
ދިރާސާ ޓީމުން ހުށަހެޅި ހައްލަކީ ހިމަ ބިއްސާ، ކޯފުއްޕި އަދި ރުބެއްލާއިން ދިފާއުވުމަށް ދެމުން އަންނަ (އެމްއެމްއާރް) ވެކްސިންގެ ބޫސްޓާ ޑޯޒްއެވެ. ދިރާސާ ޓީމުން ހުށަހެޅީ، މި ބޫސްޓާ ވެކްސިންގެ އެހީގައި، ކޮވިޑް-19ގެ އަސަރުތަކަށް ކޮންމެވެސް ވަރެއްގެ ދިފާއެއް ލިބޭތޯ ބެލުމަށެވެ.
އެމްއެމްއާރް ވެކްސިނަކީ މި ވެކްސިންއިން ޓާގެޓްކޮށްފައިވާ މައިގަނޑު 3 ވައިރަހަށްވުރެ އިތުރު އިންފެކްޝަންތަކަކުންވެސް ކުޑަކުދިންނަށް ދިފާއު ހޯދުމަށް އެހީވެދޭ ވެކްސިނެކެވެ. މި ނަޒަރިއްޔާއަކީ، ވެކްސިން ބޫސްޓްސްގެ ސަބަބުން އާންމު ދިފާއެއް ލިބުމެވެ. އަދި ވަކި ކަހަލަ ވައިރަސްތަކެއް ދެނެގަތުމަށް ހަށިގަނޑު ތަމްރީނު ކޮށްދިނުމެވެ.
އެމްއެމްއާރް ވެކްސިނަކީ ލައިވް ވެކްސިނެކެވެ. މި ވެކްސިން ފަރުމާކޮށްފައިވަނީ ހިމަބިއްސާ ކޯފުއްޕި އަދި ރުބެއްލާ ޖައްސާ ވައިރަސްތައް ނަގާ، އެ ބަލިކަށިކޮށްލައިގެންނެވެ. އަދި ވެކްސިން ޖަހާ މީހުންނަށް އެ ބަލިތައް ނުޖެހޭނެހެން ދިފާއެއްވެސް ދޭ ފަދަ ގޮތަކަށެވެ. މި ވެކްސިން އުފެއްދުމުގައި ހަގީގީ ވައިރަސް ބޭނުން ކޮށްފައި ހުރުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު، ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުވައެވެ.
ޖާނަލް އެމްބަޔޯއަށް ފޮނުއްވި ސިޓީއެއްގައި ލުއީޒިއޭނާ ސްޓޭޓް ޔުނިވާސިޓިގެ ޕޯލް ފިޑެލްއާއި ޓުލޭން ޔުނިވާސިޓީގެ މައިރީ ނޯވާ ވިދާޅުވީ، މިފަދަ ވެކްސިންތަކަކީ އެ ހާއްސަކޮށްފައިވާ ވައިރަސްތަކުގެ އިތުރުން އެހެން ދާއިރަތަކަކުންވެސް ހިމާޔަތް ދީ، ނުރައްކާ އިންފެކްޝަންތަކާ ދެކޮޅަށް މަސައްކަތްކުރާ ވެކްސިންތަކެއް ކަމަށް ބާރުދޭ ސާބިތު ހެކި ލިބިފައި ވާކަމަށެވެ.
އެމެރިކާގެ ދިރާސާ ޓީމުން ބުނެފައިވާ ގޮތުގައި، ނުރައްކާ ބޮޑު އާބާދީއަކަށް މި ވެކްސިން ދީ ޓެސްޓު ކޮށްގެން، ރިސްކު ކުޑަ، ފައިދާއެއް ހާސިލު ކުރެވުމުގެ ފުރުސަތު އެބައޮތެވެ. ގިނަ ބަޔަކަށް މި ވެކްސިންއިން މައްސަލައެއް ކުރިމަތި ވާނެ ކަމަށް ނުބެލެވޭކަމަށާ، މި ފަދަ ފިޔަވަޅެއް އެޅުމަކީ ސިއްހީ ހިދުމަތްތެރިންގެ ހިމާޔަތަށް އެޅި ދާނެ މުހިންމު ފިޔަވަޅެއް ކަންވެސް ދިރާސާ ޓީމުން ވަނީ ފާހަގަކޮށްފައެވެ.
ކޮވިޑް-19ގެ ހަނގުރާމާގައި މި ވެކްސިން ބޫސްޓާ ކާމިޔާބު ނުވުމަކުންވެސް ގެއްލުމެއް ނެތް ކަމަށާ، އެހެނީ ތަހުލީލުގައި ބައިވެރިވި މީހުންނަށް ހިމަބިއްސާ، ކޯފުއްޕި އަދި ރުބެއްލާއާއި ދެކޮޅަށް އިތުރު އެންޓިބޮޑީޒްތަކެއް ލިބިފައިވުން ކަމަށް ފިޑެލް ވަނީ ފާހަގަކުރައްވާފައެވެ.
މިކަމާ ބެހޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަކި އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.